ވިޔަފާރި

މަސައްކަތްކުރަމުން މިދަނީ މަސް ގަނޑުކޮށް، ފަހަށް ރައްކާކުރުމަށް- އެންސިސް


ކޯވިޑް-19 ގެ ސަބަބުން ރޯމަސް އެކްސްޕޯޓުކުރުން ހުއްޓާލާފައިވާ މި ދަނޑިވަޅުގައި މަސްވެރިންގެ އަތުން ގަންނަ މަސް ގަނޑުކުރުމަށްފަހު، ފަހަށް ރައްކާކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެންސިސް ފިޝަރީސްއިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދިޔަ ޚާއްސަ ޕެނަލް ޑިސްކަޝަނެއްގައި އެންސިސް ފިޝަރީސްގެ ޖެނަރަލް މެނޭޖަރ ހުސެއިން އަފީފު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން އަފީފު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ގިނަ ޤައުމުތަކެއް ލޮކްޑައުންވެފައިވާ ހާލަތުގައި އެކްސްޕޯޓުކުރުން މަޑުޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެއަކީ ޔޫރަޕަށް އެންމެ ގިނައިން މަސް އެކްސްޕޯޓުކުރާ ޤައުމަށްކަމަށްވުމާއެކު މި ދުވަސްކޮޅު ޔޫރަޕަށް މަސް އެކްސްޕޯޓުކުރުންވެސް ހުއްޓިފައިވާކަމަށް އަފީފު ވިދާޅުވިއެވެ. އެހެންނަމަވެސް، މި ދުވަސްކޮޅު މަސްވެރިން އަތުން ގަންނަ ހުރިހާ މަހެއް ސްޓޯރޭޖް ފެސިލިޓީތަކުގައި ރައްކާކުރަމުންދާކަމަށް އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ މިހާރުވެސް ހުއްޓުމެއް ނެތި އެންސިސްއިން 350 އެއްހާ ދޯނިން މަސް ގަނެ، ގަނޑުކުރަމުންދާކަމަށެވެ. މިއީ ފަހުން ކުރިމަތިވެދާނެ ހާލަތަކަށް ބަލައި، ކުރުން އެންމެ ބުއްދިވެރިކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަކީ އެއްޤައުމަކުން ޔޫރަޕަށް އެންމެ ގިނަ ޢަދަދަކަށް ތާޒާ މަސް އެކްސްޕޯޓުކުރާ ޤައުމު. މިހާލަތުގައި ޔޫރަޕަށް މަސް ފޮނުވޭނެގޮތެއް ނެތް. އަޅުގަނޑުމެން މިދަނީ ޔޫރަޕަށް ފޮނުވަންހުރި ތާޒާ މަސްތައް ގަނޑުކުރަމުން. ތާޒާ މަސް ނުފޮނުވޭހާ ހިނދަގު އަޅުގަނޑުމެން ދާނީ ގަނޑުމަހުގެ ގޮތުގައި ރައްކާކުރަމުން. މިހާލަތު ބަދަލުވާއިރު މި ޕްރޮޑަކްޓްތައް ފައިސާއަށް ބަދަލުކުރެވޭނެކަމަށް އަޅުގަނޑުމެންގެ އުއްމީދަކީ." ހުސެއިން އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ މަސްވެރިކަން ތިޔާގިވެފައިވާ މި ދުވަސްވަރު މަސްވެރިން ވިއްކާ ހުރިހާ މަހެއް ގަންނަން ދަތިވާނެކަމަށެވެ. އަދި މި ދުވަސްވަރުގެ ގޮތުން ގެއްލުން ލިބޭނެކަމަށް ލަފާކުރާކަމަށްވެސް އަފީފް ވިދާޅުވިއެވެ. އެހެންނަމަވެސް ކުންފުނީގެ އަމާޒަކީ ދުރު ރާސްތާއަށް ޕްލޭންކޮށް މިކަމުން ފައިދާ ހޯދައި، މަސްވެރިންނަށް ވެސް ދަތިނުވާނެގޮތަކަށް މިކަން ކުރުންކަމަށް އަފީފު ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ބަލާނަމަ ގެއްލުންވާނެ. އެހެންނަމަވެސް އަޅުގަނޑުމެން މިކަމަށް ހުއްޓުމެއް ގެނެސްފިނަމަ އެކުރިމަތިލާން ޖެހޭ އުނދަގޫދަކުން މާބޮޑު ގެއްލުން ލިބޭނެ. އަޅުގަނޑުމެން މިދައްކަނީ ދިހަ ހާސް މަސްވެރިންނާއި އެ މަސްވެރިންގެ ޢާއިލާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވާހަކަ. އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ވީހާވެސް ގިނައިން ފްރީޒްކޮށް މަސް ރައްކާކޮށް މި ހާލަތު ރަނގަޅުކޮށް ފަހުން މިތަކެތި މާކެޓަށް ނެރުމަށް." ހުސެއިން އަފީފު ވިދާޅުވިއެވެ.

އެންސިސް ފިޝަރީޒް ކުންފުންޏަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް ގަނެ ބޭރުގެ ޤައުމުތަކަށް މަސް އެކްސްޕޯޓުކުރަމުންދާ ކުންފުންޏެކެވެ. "އެންޒީ" ބްރޭންޑްގެ ދަށުން އެކުންފުނިން ދަނީ ފުޅާދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތް އުފައްދާ ވިއްކަމުންނެވެ.