ވިޔަފާރި

މިހާރު ދުވާލެއްގެ މައްޗަށް ޖައްސަނީ ބައިނަލްއަޤްވާމީ 2 ފްލައިޓް- އެމްއޭސީއެލް


މިހާރު ދުވާލެއްގެ މައްޗަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަނީ ބައިނަލްއަޤްވާމީ 2 ފްލައިޓު ކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 54 އަހަރު ފުރުން ފާހަގަކުރުމަށް އެއަރޕޯޓު ހިންގާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިހް ވިދާޅުވީ ކޯޑިވް-19 އާއި ގުޅިގެން ވައިގެ ދަތުރުތަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ކުރިން އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް ބައިނަލްއަޤްވާމީ ސާޅީހަކަށް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ކަމަށެވެ. އަދި އެތެރޭގެ އުދުހުންތައްވެސް 50 ފްލައިޓުން 5 ފްލައިޓަށް މަދުވެފައިވާކަމަށް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ އަހަރަކީ އެއަރޕޯޓަށް ފާހަގަކޮށްލެވޭ އަހަރެއްކަން އެކްޓިންގ އެމްޑީ ފާހަގަކުރެއްވިއެވެ. އެގޮތުން އެއަރޕޯޓު ބޭނުންކުރާ ފްލައިޓްތަކުގެ އަދަދު %16 އަށް އިތުރުވެ، އެއަރޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އަދަދުވެސް %13 އަށް އިތުރުވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކްޓިންގ އެމްޑީ މޫސާ ޞޯލިހް ވަނީ އެކުންފުނީގެ މުވައްޒަފުން މި ދަނޑިވަޅުގައިވެސް ވަޒީފާއަށް ނިކުމެ ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ. އަދި އެފަރާތްތަކުން އަދާކުރަމުން އެދަނީ ހަމައެކަނި ވާޒީފާއެއް ނޫން ކަމަށާއި އެއީ ޤައުމީ ޙިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވާފައިވަނީ 1966 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 12 ވަނަ ދުވަހު އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާޙީމް ނާސިރެވެ.