ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ދާޚީލީ ވުޒާރާއިން ބުނީ ސަލްމާން ރަސްގެފާނު ދެއްވި ލަފާގެމަތިން މުއްދަތެއް ނެތް ގޮތަށް ފުރަބަންދުގެ އުޞޫލުތަކަށް އަމަލުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމީ ސަޢުދީ ޢަރަބިއްޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަޢުދީ ޢަރަބިއްޔާގައި ފާއިތުވި 3 ދުވަހުވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިފައިވެއެވެ. އެގޮތުން، ފާއިތުވި 3 ދުވަހުވެސް، ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 300 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އަދި ޖުމްލަ ޢަދަދުވަނީ 4,033އަށް އިތުރުވެފައެވެ. އެޤައުމުގައި ބަލިމަޑުކަމުގައި 52 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ވެރިރަށް ރިޔާޟް ހިމެނޭގޮތަށް، އެޤައުމުގެ ބޮޑެތި ސަރަޙައްދުތަކުގައި 24 ގަޑިއިރުގެ ކާފިއުއެއް އިޢުލާންކުރުމާއި ޢުމްރާގެ އަޅުކަންކުރުން މެދުކަނޑާލުމާއި ބައިނަލްއަޤްވާމީ ފްލައިޓުތައް އެޤައުމަށް އައުން ހުއްޓުވުމާއި ޢާންމުތަންތަން ބަންދުކުރުން ހިމެނެއެވެ.