ޚަބަރު

މިނިވަން 50ގެ ހަނދާނީ ނޫޓު ކުރީގެ ރައީސް މައުމޫނަށް ހަދިޔާކޮށްފި


މިނިވަންކަމުގެ ރަންޔޫބީލުގެ މުނާސަބަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ނެރުނު މިނިވަން ފަންސާހުގެ ހަނދާނީ ނޫޓު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ހަދިޔާ ކުރައްވައިފިއެވެ. އެކަމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް މައުމޫންއަށް މިނިވަން ފަންސާހުގެ ހަނދާނީ ނޫޓު ހަދިޔާކުރެއްވީ، އެމް.އެމް.އޭގެ ގަވަރނަރ ޑރ. ޢަޒީމާ އާދަމެވެ.އެމް.އެމް.އޭގެ ފަރާތުން ރައީސް މައުމޫނަށް މިނިވަން ފަންސާހުގެ ހަނދާނީ ނޫޓު ހަދިޔާކުރަން ނިންމީ، އެ އޮތޯރިޓީ އުފެދިފައިވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރުކަމަށްވެފައި، އެމަނިކުފާނަކީ އެމް.އެމް.އޭގެ ފުރަތަމަށް ގަވަރނަރ ކަމަށްވާތީކަމަށް އެއޮތޯރިޓީން މައުލޫމާތުދެއެވެ. އެމް.އެމް.އޭއަކީ ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރީގެ ދާއިރާގައި ވަރަށް މުހިއްމު ޤައުމީ މަސްއޫލިއްޔަތެއް އަދާކުރަމުންގެންދާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، އެމް.އެމް.އޭ އުފެދުނީއްސުރެ މިހާތަނާޖެހެންދެން އެއޮތޯރިޓީން ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުބޮޑު ޚިދުމަތްތަކަށްޓަކައި، ރައީސް މައުމޫން ވަނީ އެއޮތޯރިޓީގެ ވެރިންނަށާއި، މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.ރާއްޖޭގެ މިނިވަންކަން ދިފާޢުކުރެއްވުމަށްޓަކައި ރައީސް މައުމޫންގެ ވެރިކަމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރުމުގެގޮތުން ސަރުކާރުން ވަނީ މިނިވަން ފަންސާހުގެ ޝަރަފުގެ އައްޑަނަވެސް އެމަނިކުފާނަށް އަރުވާފައެވެ.