ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ހުޅުވާލި ލޯނު ފެސިލިޓީ މެދުވެރިކޮށް ވިހި މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވަ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަތޭކަ މިލިއަން ރުފިޔާގެ ލޯން ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މާޗްމަހުގެ ސޯޅަވަނަ ދުވަހުއެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ހަތަރު ކުންފުންޏަކަށް ވިހި މިލިއަން ރުފިޔާއާ ހަމައަށް ލޯނު މިހާރު ދޫކޮށްފައިވާކަމަށެވެ.
"މި ފެސިލިޓީއަށް ލޯނަށް އެދި އެޕްލައި ކުރަމުންދާ ފަރާތްތަކަށް އަޅުގަނޑުމެން މިދަނީ ލޯންތައް ދޫކުރަމުން. މިހާރުވެސް 20 މިލިއަން ރުފިޔާއާއި ހަމަށް ލޯނު ދޫކޮށްފައިވޭ. މި ފައިސާ އަޅުގަނޑުމެން މިދަނީ ކޮންމެ 10 ދުވަހަކުން ދޫކުރަމުން. އެ އެކުންފުންޏަކުން މަސް ގަންނަ ޢަދަދަށް ބަލާފަ އެކުންފުންޏަކަށް ލޯނު މި ފޯރުކޮށްދެނީ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
ސަރުކާރުން ތަޢާރަފްކުރައްވާފައިވާ މިލޯނު ފެސިލިޓީއަކީ އޮޑިދޯނި ފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމަށާއި މަސް ގަންނަ ކުންފުނިންތަކަށް ދިމާވެދާނެ މާލީ ދަތިތައް ފޫބެއްދުމަށް ތަޢާރަފްކޮށްފައިވާ ލޯނެއްކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރތިމަތިވާ ލޮޅުން ކުޑަކޮށް، މި ދާއިރާ ހުއްޓުމަކަށް އަޔަނުދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި މިނިސްޓްރީން ވިދާޅުވެއެވެ.
ލޯން ފެސިލިޓީ ހަމަޖެއްސުމަށް ނިންމީ މިކަމުގެ މަޝްވަރާތައް އިކޮނޮމިކް މިނިސްޓްރީއާއިއެކު ކުރިއަށްގެންދިއުމަށްފަހުކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ލޯނުގެގޮތުގައި ދޭނެ ޢަދަދު ކަނޑައެޅީ ކޯވިޑް-19ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން މަސް އެކްސްޕޯޓްކުރާ ފަރާތްތަކާއި މަސްވެރިންނާއި އެކު ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކުރުމަށްފަހުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.