ޚަބަރު

ބަންގްލަދެޝް މަސައްކަތު މީހުންނާމެދު ފިޔަވަޅު އެޅިފަހުން ރާއްޖެ އައިސްފައިވަނީ 1362 މީހުން


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް އިކޮނިމިކް މިނިސްޓްރީން އެޅުއްވި ފިޔަވަޅުތަކުގެތެރެއިން ބަންގްލަދެޝުން ރާއްޖެއަށް މަސައްކަތުމީހުން ގެނައުން ކޮންޓޯލްކުރިފަހުން ރާއްޖެ އައިސްފައިވަނީ 1362 މީހުންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރެޝަންސް ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބިދޭސީން މަސައްކަތުމީހުން ގެނައުމާމެދު އެޅުއްވި ފިޔަވަޅާއެކު ރާއްޖެ މިހާތަނަށް އައިސްފައިވަނީ އެންމެ 1362 މީހުންކަމަށެވެ. މިއީ މީގެކުރިން މަހެއްގެ މައްޗަށް 3000އާއި 5000 އާ ދެމެދުގެ ޢަދަދަށް މަހެއްގެމައްޗަށް އަންނަމުންދިޔަ ބައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސެޕްޓެމްބަރު މަހު މޮރެޓޯރިއަމް ނެރުނު ފަހުން ބަންގްލަދޭޝްއިން ރާއްޖެއަށް އަލަށް އައިސްފައިވަނީ އަންސްކިލްޑް ކެޓަގަރީގެ 1362 މީހުން. ޕްރޮފެޝަނަލް ކެޓަގަރީގެ 38 މީހުން. މި ކެޓަގަރީއަކީ އަޅުގަނޑުމެން މޮރެޓޯރިއަމް އިޝޫކުރި ދާއިރާއެއް ނޫން. އަޅުގަނޑުމެން ބިދޭސީން އައުން މަނާކުރީ އަންސްކިލްޑް ކެޓަގަރީއިން. 1362 މީހުން އިތުރުވީ. އޭރު މިއީ މަހެއްގެ މައްޗަށް ތިން ހާހުން ފަސް ހާހުން އަންނަމުންދާ ޢަދަދުތަކެއް. ސެޕްޓެމްބަރު ގެ ފަހުން އަޅުގަނޑުމެން އަލަކަށެއް އިޝޫއެއް ނުކުރަން. އެހެންނަމަވެސް، މިއީ އެދުވަހާއި ހަމައަށް އެޕްލައިކުރި ފަރާތްތައް."

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ޤަވާއިދަށް ފެއްތުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ފެށްޓެވި ރެގިއުލަރައިޒޭޝަން ޕްރޮގްރާމް، ފެށްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 40000އަށްވުރެ ގިނަ ބިދޭސީން ރެގިއުލަރައިޒް ވެފައިވެއެވެ. ޤާނޫނާ ޚިލާފަށް އަދިވެސް 20000އެއްހައި ބިދޭސީން ތިބިކަމަށް މިނިސްޓަރ ފާހަގަކުރެވިއެވެ.

ރެގިއުލަރައިޒް ވުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 826 މީހަކު ޤައުމަށް އެނބުރި ދާން އެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބަންގްލަދޭޝްގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ޙާލަތު ނިމުމާއެކު މިމީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

" އަމިއްލައަށް ދާން ބޭނުންވެގެން 836 މީހަކު ރިޕޯޓުކޮށްފައިވޭ. މިމީހުން ފޮނުވާލުމަށް އެޕްރޫވްކޮށްފައި ވަނިކޮށް ބަންގްލަދޭޝްގެ ސަރުކާރުގެ އަމުރަކާއި އެއްކޮށް މިހާރު މިވަނީ މިކަން މަޑުޖެހިފައި. ޕާސްޕޯޓް އިތީ 130 މީހުންގެ. އެހެންވީމަ، ފޮރިން މިނިސްޓްރީއާއި ގުޅިގެން އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން ޑޮކިއުމަންޓް ނެތް މީހުންގެ ޑޮކިއުމަންޓްތައް އެމްބެސީ މެދުވެރިކޮށް ފުރިހަމަކުރުމަށް." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ޤަވާޢީދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ބިދޭސީންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ޕްރޮގްރާމު މިހާރު ވަނީ މެދުކަނޑާލާފައެވެ.