ޚަބަރު

އެވޭލާ ދިވެހިންގެ ފުދުންތެރި ދިރިއުޅުމުގައި ކެއިންބުއިން


ދިވެހި ރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެންފެށިތާ 2500 އަހަރުވެދާނެ ކަމުގައި ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކުން ލިޔުއްވާފައި ވެއެވެ. އަދި ރާއްޖޭގެ ފެންނަން އޮތް ތާރީޚަށް ބަލާއިރުވެސް ރާއްޖޭގައި މީހުން ދިރިއުޅޭތާ 1000އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެން ފެށީއްސުރެ އެމީހުން ކައިބޮއެއުޅުމަށް ޚާއްސަ ގޮތްތަކެއް ގެންގުޅޭނެކަމީ ކަށަވަރު ކަމެކެވެ. ދިވެހިތާރީޚުން ފެންނަން އޮތް ގޮތުގައި ދިވެހިން އެމީހުންގެ ކެއިން ބުއިން ހަމަޖައްސާފައިވަނީ ދިވެހި ބިމުން ލިބޭ ކާނާގެ ބާވަތްތަކުންނެވެ. އެގޮތުން ދިވެހިންގެ ކެއިން ބުއިމުގައި ބޭނުން ކުރަމުން އައި ތަކެއްޗަކީ ދިވެހި ބިމުގައި ހައްދާ ގޮވާމާއި މޭވާ އާއި ފަލަމަޑި އާއި މަހުގެ ބާވަތްތަކެވެ.

މިހާރުގެ ގޮތަށް ދިވެހިންގެ ކެއިން ބުއިމުގެ ވައްޓަފާޅި ބަދަލުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަމަށް ފަހުގައެވެ. މިގޮތުން މިހާރު ދިވެހިންގެ މައިގަނޑު ކެއުމުގެ ގޮތުގައި ބޭނުން ކުރެވެނީ ހަނޑުލާއި ގޮދަންފުށެވެ.

ކޯވިޑް-19 އާއި ގުޅިގެން އިޤުތިޞާދީ ބޮޑު ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރުގައި ޚާއްސަކޮށް އެންމެނަށް ފުދޭވަރަށް ކާޑުގެ ބާވަތްތައް ނުލިބިދާނެކަމުގެ ކަންބޮޑުވުމާއި އެކު ބައެއް މީހުން ވަނީ ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް ގަނެ ޖަމާކުރަން ފަށާފައެވެ. އޭގެ އިތުރުން ކަމާއި ބެހޭ ފަރާތްތަކުންވެސް ދަނީ ދަނޑުވެރިކަން ފުޅާ ކުރުމަށާއި އާއްމުން ޚަރަދުތައް ކުޑަކުރުމަށް ބާރުއަޅަމުންނެވެ.

ދިވެހިންގެ ކޮންމެ ދުވަހެއްގެ މައިގަނޑު ކެއުމުގައި ހަނޑޫ ބޭނުން ކުރަން ފަށާފައިވަނީ، މީލާދީން 1800ގެ ފަހުކޮޅު ދިވެހިރާއްޖެ ދުށް އާދަޔާޚިލާފު ތިޔާގިކަމުގެ ޒަމާން ނުވަތަ އުއްސަކުރު ޒަމާނުގެ ފަހުންނެވެ.

އެޒަމާނުގައި ވެސް ހާއްސަކޮށް އިމްޕޯޓަށް ދިވެހިން ބަރޯސާވެފައި ވަނިކޮށް ކުރިމަތިވި ފުރަތަަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ތަދުމަޑުކަން ބޮޑުވެ ރާއްޖެ ބަނޑަށް ޖެހުނެވެ.

އެއާއިއެކު އަނެއްކާވެސް ދިވެހިން ދިވެހިބިމުގައި ކާނާގެ ބާވަތްތައް ހެއްދުމަށް ސަމާލުކަން ދިނެވެ.

ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ތަދުމަޑުކަމުގެ މާބޮޑުއަސަރެއް ނުކުރާ ރަށްރަށަކަކީ ބިންބޮޑެތި އަދި ދަނޑުވެރިރަށްރަށެވެ. އެގޮތަށް މެދުވެރިވީ، އަމިއްލައަށް ހައްދާތަކެތިންނާއި، އަދި ވަލު ރުއްގަހުން ލިބޭ ކާނާގެ ބާވަތްތަކަށް އެރަށްރަށުގެ މީހުން ކެއިން ބުއިން ހަމަޖައްސާފައި ވުމުންނެވެ.

ދިވެހިން އޭރު ކެއިން ބުއިމުގައި ބޭނުންކުރި މައިގަނޑު ބާވަތްތަކަކީ، ކަނޑުލާއި އަލަ އާއި ކައްޓަލަ އާއި ހިއްތަލަ އާއި ކަށިކޭލާއި ބަނބުކޭލާއި އަނބާއި ދޮންކޭލާއި ފަޅޮލާއި ދޮންމަދާއި، ކާއްޓާއި ދިޔާ ހަކުރާއި ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކަކެވެ.

މިގޮތުން ގޮވާމާއި ފަލަމަޑީގެ ބާވަތްތަކަކީ މޫސުމަށް ލިބޭ ތަކެއްޗަށް ވާތީ ދިވެހިންގެ ކެއިން ބުއިންވެސް އެމޫސުމެއްގައި ލިބޭ އެއްޗަކަށް އޮންނަނީ ބަރޯސާވެފައެވެ. ހާއްސަކޮށް މިހާރު ދިވެހި ހަތަރު އިރު ކައިއުޅޭ ގޮތަށް އޭރު ކައެއް ނޫޅެވެ. ގިނަމީހުން ރަނގަޅަށް ކައިއުޅުނީ މެންދުރާއި ރޭގަނޑަށެވެ.

މީގެ އިތުރުން ދެ އީދު ދެދުވަހާއި ބޮޑުމައުލޫދަށާއި، ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަށާއި އެހެނިހެން ދީނީ އިހުތިފާލުތަކާއި، ކައިވެނީގެ ވަލީމާތަކަށް އަދި އަހަރުމަތި ފާހަގަކުރުމަށް ދިވެހިން ބޮޑެތި ކޭންތައް ކައްކައި އުޅުނެވެ.

އެފަދަ ދުވަސްދުވަހުގައި ރަސްކަމުގެ ފަރާތުންވެސް ނިކަމެތި ފަޤީރުންނަށް ކާބޯތަކެތި ބަހައި އުޅުނު އިރު، މާލެ އާއި ރަށްފުށުގައިވެސް ނިކަމެތި ފަޤީރުންނާއި މިސްކީނުންނަށް ރަނގަޅަށް ބަނޑުފުރައި ކާންލިބޭ ދުވަސްތައް ކަމުގައި އެދުވަސްތައް ވެފައިވެއެވެ.