ޚަބަރު

ކޯވިޑް-19 : ނަގުދު ފައިސާއާއި ގޮވާމުން މިއަހަރުގެ ފިޠުރުޒަކާތް ބަލައި ނުގަންނާނެ


ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން މިއަހަރުގެ ފިތުރުޒަކާތް ބަލައި ނުގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައިވެސް މިހާރު މިބަލި އޮތުމުގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެގޮތުގައިކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ކޯވިޑް-19ގެ ލައިވް ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ނަޞްރުﷲ ޢަލީ ވިދާޅުވީ މި ދަނޑިވަޅުގައި ނަގުދު ފައިސާއާއި ގޮވާމުގެ ބާވަތްތަކުން ޒަކާތް ނެގުމަށް ނިންމާފައިނުވިނަމަވެސް ރަމަޟާން މަހުގެތެރޭގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް އައިސްފިނަމަ އެ އެންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ. އަދި މިހަރު ހަމަޖެހިފައިވަނީ އޮންލައިންކޮށާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހުރުގެ ފިތުރު ޒަކާތަށް ދައްކަންޖެހޭ އަގުތަކެއް އެ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތްގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަޤުދު ފައިސާއިންވެސް ފިޠުރު ޒަކާތް ދައްކަމުންދެއެވެ.
ފިޠްރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެމައްޗަށްވެސް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިޠުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިގެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ. ކަލަންޑަރުގައިވާގޮތުން މިއަހުރެ ރަމަޞާންމަހުގެ ފުރަމަތަމަ ދުވަހަކީ އޭޕްރީލް މަހުގެ ސައުވިސްވަނަ ދުވަހުއެވެ.