ޚަބަރު

އިންޑިޔާއާއި ބަންގްލަދޭޝްގައި ފުރަބަންދުގެ މުއްދަތު އިތުރުކުރަން ނިންމައިފި


އިންޑިޔާއާއި ބަންގްލަދޭޝްގައި ފުރަބަންދުގެ މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.

އިންޑިޔާގެ ފުރަބަންދުގެ މުއްދަތު އިތުރުކުރަން ނިންމީ އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެޤައުމުގެ ޗީފު މިނިސްޓަރުން ވީޑިއޯ މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. ނަމަވެސް ފުރަބަންދުގެ މުއްދަތު އިތުރުކުރިކަން އިންޑިޔާގެ ސަރުކާރުން ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. އިންޑިޔާގައި އެންމެ ފުރަތަމަ އިޢުލާންކުރި 21 ދުވަހުގެ ފުރަބަންދުގެ މުއްދަތު މިމަހުގެ 14ވަނަ ދުވަހަށް ހަމަވާނެއެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ދިއްލީގެ ޗީފު މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވީ އިންޑިޔާގެ ފުރަބަންދުގެ މުއްދަތު އިތުރުނުކޮށްފިނަމަ ކޯވިޑް-19އާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގައި ހޯދުނު ކުރިއެރުންތައް ގެއްލޭނެކަމަށެވެ. އަދި ފުރަބަންދުގެ މުއްދަތު އިތުރުކުރުން މުހިންމުކަމަށް އިންޑިޔާގެ އެހެން ޗީފު މިނިސްޓަރުންވެސް ޤަބޫލުކުރައްވާކަމަށް ކެޖްރިވާލް ވިދާޅުވިއެވެ. ނަމަވެސް އެކަމާގުޅޭ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ފުރަބަންދުގެ މުއްދަތު 11 ދުވަހަށް އިތުރުކުރުމަށް އެޤައުމުންވަނީ ނިންމާފައެވެ. އެޤައުމުގެ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަބަންދުގެ މުއްދަތުގައި ބަންގްލަދޭޝްގެ ސިފައިންދަނީ އެޤައުމުގެ ހުރިހާ ސަރަޙައްދެއްގައި ފޯރިމަރަމުންނެވެ.

ދެކުނު އޭޝިޔާއަކީ ކޯވިޑް-19 މިހާރު އެންމެ ހަލުވިކޮށް ފެތުރޭ އެއް ސަރަޙައްދެވެ. އެގޮތުން، އިންޑިޔާގައި 7,600 މީހަކަށް ކޯވިޑް-19 ޖެހި، 249 މީހުންވަނީ މަރުވެފައެވެ. އަދި ބަންގްލަދޭޝްގައި 482 މީހުންނަށް ކޯވިޑް-19 ޖެހި، 30 މީހުންވަނީ މަރުވެފައެވެ. މީގެ އިތުރުން، ޕާކިސްތާނުގައި 4,892 މީހުންނަށް ކޯވިޑް-19 ޖެހި، 77 މީހުންވަނީ މަރުވެފައެވެ.