ޚަބަރު

ކޯވިޑް-19 : ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި


ރާއްޖޭގައި ޢިއުލާންކުރައްވާފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން މިރޭ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، ކޯވިޑް 19 ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން، 12 މާރިޗު 2020 ގައި އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މިނިސްޓަރަށް ލަފާދެއްވާފައިވާކަމަށެވެ.

އެހެންކަމުން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 30 އެޕްރީލް 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މި ޤަރާރުގައި ހެލްތު މިނިސްޓަރުވަނީ އަންގަވާފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް19 އަށް ރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ މީހާ 7 މާރިޗު 2020 ދެނެގަނެވުނުފަހުން މިހާތަނަށް ވަނީ 19 މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ކޯވިޑް19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކަނޑައަޅައިފައިވުމުން ރާއްޖެއިން މި ހާލަތުގައިވަނީ މުހިއްމު ނިންމުތަކެއް ނިންމައި އަމަލުކުރަން ވަނީ ފަށާފައެވެ. މިއާއެކު ކުރެވުނު މަސައްކަތްތަކުން މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު މާލޭގައި 7 ދުވަހުގެ މުއްދަތަކަށް 3 ގަޑިއިރުގެ ކާފިއުއެއް އިއުލާންކުރުމަށްފަހު ސަރުކާރުން މިހާރުވަނީ ކާފިއު އުވާލާފައެވެ. މިއާއެކުވެސް މިބަލިން ރައްކާތެރިވުމަށް ސިއްޙީ މާހިރުންދެއްވާ ލަފަޔާއި އިރުޝާދުތަކަށް ތަބާވެ ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ދަނީ ބާރުއަޅުއްވަމުންނެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވުމާއި، ކެފޭ ރެސްޓޯރަންޓްތަކުގައި ދޭ ބައެއް ޚިދުމަތްތައް މިހާރުވެސް އޮތީ މެދުކަނޑާލާފައެވެ. އަދި ހަމަ އެހެންމެ 3 މީހުންނަށްވުރެ ގިނައިން މީހުން ތަންތަނަށް އެއްވެއުޅުން މިހާރުވެސް އޮތީ މަނާކުރައްވާފައެވެ.