ޚަބަރު

އިންޑިއާގައި ތިބި 144 ދިވެހި އާއިލާއަކަށް މާދަމާ ތަކެތި ފޮނުވަނީ


އިންޑިއާގެ ތިރިވަނަންތަޕޫރަމާއި ކޮޗިންގައި ދިރިއުޅެމުންދާ 144 ދިވެހި އާއިލާއަކަށް ކެއަރ ޕެކޭޖް ފޮނުވުމަށް އެޕްރޫވްކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ތިރިވަނަންތަޕޫރަމާއި ކޮޗިންގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމަށް ފޮރިން މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ފުރުސަތު މިއަދު ހަވީރު 6:00ގެ ނިޔަލަށް ހަމަވެފައިވާއިރު ކެއަރ ޕެކޭޖް ފޮނުވުމަށް މިހާތަނަށް 154 އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕެކޭޖުތައް މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި މާދަމާ އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ތިރިވަނަންތަޕޫރަމާއި ކޮޗިންގައި ތިބި ދިވެހިންނަށް "ކެއަރ ޕެކޭޖް" ފޮނުވުމަށް ފުރުސަތު ދީފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 600 ފަރާތަކަށްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި މި ތަންތަނަށް ފޮނުވޭނީ އެ ޤައުމުގައި މިވަގުތު ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާތަކެތިކަމަށާއި، ކޮންމެ ޢާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކާގޯގެ ގޮތުގައި ފޮނުވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ތަކެތީގެ ތެރޭގައި، ޑަކްޓަރީ ބޭސް، މަސް ދަޅު ކޭސް، ނޫޑްލްސް ކޭސް، މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުރި ރިހާކުރު ފުޅި ހިމެނެއެވެ. އަދި މަސް ޕެކެޓާއި، ފަތް ޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކެޓްކޮށް ބަންދުކޮށްފައިވާ ކާބޯތަކެތި ފޮނުވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް، ކާގޯގެ ގޮތުގައި ކާޑުގެ ބާވަތްތަކާއި، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކާއި، ހެދިކާއާއި ތައްޔާރީ ކާނާ، މޭވާއާއި ތަރުކާރީގެ ބަވާތްތަކާއި ފައިސާ ނުފޮނުވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ފޮނުވާތަކެތި އިންޑިއާގެ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، ތިރިވަނަންތަޕޫރަމް ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލްއިން ހަވާލުވާނެއެވެ. އަދި އެތަކެތި ލިބެންވާ ފަރާތްތަކާއި ޙަވާލުކުރާނީވެސް ކޮންސިއުލޭޓް ޖެނަރަލްއިންއިންކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސަރުކާރުން މީގެ ކުރިންވެސް ވަނީ މެލޭޝިއާއާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމުގެ ފުރުޞަދު ދީފައެވެ. އަދި މި ފުރުސަތުގައި ފޮނުވި ތަކެތި މިހާރު އެ ޤައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.