ޚަބަރު

ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގައި ސްޓިކަރޖަހަނީ ނަގަން ވަގުތު ދިނުމަށްފަހު


ޤަވާއިދާއި ޚިލާފަށް މާލޭއާއި ވިލިމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކުގައި ސްޓިކަރ ޖަހަނީ އުޅަނދުގެ ވެރިފަރާތަށް އެ ނެގުމަށް ވަގުތު ދިނުމަށްފަހުކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލޭގެ ފަޅުތެރެރޭގައި ޤަވައިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގާ ޖޫރިމާނާ ކުރުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް އަޅާފައިވާ އުޅަނދުތަކުގައި ސްޓިކަރޖެހުމުގެ ކުރިން އޮޑިދޯނިފަހަރުގެ ވެރިފަރާތަށް ދޯނި ނެގުމަށް އަންގާކަމަށެވެ. އަދި ދޯނި ފަޅުތެރެއިން ނަގަން ދޭ މުހުލަތުގެ ތެރޭގައި ދޯނި ނުނަގާނަމަ ފުރަތަމަ ފަހަރަށް 100 ރުފިޔާއިން ޖޫރިމަނާ ކުރާކަމަށެވެ. އަދި ދެވަނަ ފަހަރަށް 150 ރުފިޔާއިން ޖޫރިމާނާކުރަކަމަށާއި، އަދި އެއަށްފަހު ދުވާލަކަށް ނަގާ ފައިސާ އިތުރުވަމުންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ ފަޅުތަކުގައި ހުއްދަ ނަގައިގެން އަޅަފައިވާ ދޯނިތައްވެސް ޤަވައިދާ ޚިލާފަށް އޮންނަނަމަ ދޯނީގެ ދިގުމިނަށް ބެލުމަށްފަހު، މާލޭގައި ނަމަ މީޓަރަކަށް 1 ރުފިޔާ އަދި ވިލާމާލޭގެ ފަޅުގައި އޮންނަ ދޯނީގެ މީޓަރަކަށް 50 ލާރީގެ ދައްކަންޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެހެން ފަރާތަކަށް ހާއްސަކޮށްފައިވާ ޖާގައެއްގައި ޤަވާއިދާ ހިލާފަށް އެހެން ފަރާތަކުން ދޯންޏެއް އަޅާނަމަ، މާލޭ ފަޅުން މީޓަރަކަށް 3 ރުފިޔާގެ ރޭޓުން އަދި ވިލިމާލޭ ފަޅުންވެސް މީޓަރަކަށް އެއް ރުފިޔާ ފަންސާސް ލާރީގެ ރޭޓުން ޖޫރިމަނާކުރާނެއެވެ.

މި މަސައްކަތުގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ޤަވާއިދާ ޚިލާފަށް ފަޅުތެރޭގައި އަޅާފައިވާ ކަނޑު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ޤަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލުމަށް ނިންމާފައެވެ.

"މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމުގެ ޤަވާއިދު"ގެ ދަށުން ޤަވާއިދާ ޚިލާފަށް ފަޅުތެރޭގައި އެޅުމަށްފަހު އަޅާނުލާ ދޫކޮށްލާފައިވާ އުޅަނދުތައް ސިޓީ ކައުންސިލުން މިއަހަރުގެ ފެބްރުއަރީމަހު ނަގަން ފެށިނަމަވެސް މިހާތަނަށް އެއްވެސް އުޅަނދެއް ނައްތާލާފައެއް ނުވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް ހުރި އުޅަނދުތައް ނެގިނަމަވެސް އޭގެ ވެރިފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމުން އުޅަނދުތައް ޙަވާލުކޮށްފައިވާކަމަށެވެ.