ސިއްހަތު

ސިއްޙީ ޚިދުމަތްދޭ 74 ތަނެއް މަރާމާތުކޮށްފައިވޭ - ހެލްތް މިނިސްޓަރ


ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގެ އާބާތުރަ ފިލުވުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް މަރާމާތުކުރުމުގެ ހަތްދިހަ ހަތަރު މަޝްރޫޢުއެއް ނިމިފައިވާކަމަށާއި، މިހާރުވެސް ވިހި މަޝްރޫޢުއެއް ކުރިއަށްދާކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިމާރާތުގެ ފެންވަރާއި ދެވޭ ޚިދުމަތުގެ ފެންވަރު ރަގަނޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ އެގޮތުން މިހާތަނަށް 74 ތަނެއްގެ މަރާމާތުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށާއި، މިހާރުވެސް 20 ތަނެއްގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި ޖާގަ ބޮޑުކުރުމުގެ 4 ޕްރޮޖެކްޓެއް ނިންމިފައިވާކަމަށާއި، 6 ޕްރޮޖެކްޓެއް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު ޤާސިމް ވިދާޅުވީ، ސިއްޚީ ފަރުވާދޭ ތަންތަން މަރާމާތުކުރުމަށް ސަރުކާރުން 199.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި، އަމާޒަކީ މިއަހަރުތެރޭ މި މަސައްކަތުގެ ނުވަދިހަ އިންސައްތަ އެއްކޮށް ނިންމާލުންކަމަށެވެ. ނަމަވެސް ރަށްރަށުގައި މަރާމާތުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ ކުންފުނިތައް ނުލިބުންފަދަ ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށާއި، މީގެ ސަބަބުން މަސައްކަތުގެ ސްޕީޑް ލަސްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.ހެލްތް މިނިސްޓްރީން ކުރިއަށްގެންދާ އާބާތުރަފިލުވުމުގެ މަސައްކަތުގެ ދަށުން އެ މިނިސްޓްރީން ވަނީ ހަ ތަނެއްގައި އަލަށް ސިއްޚީ ފަރުވާދޭ މަރުކަޒެއް ޤާއިމުކޮށްފައެވެ. އަދި މިހާރުވެސް ދެ ތަނެއްގައި ސިއްޚީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. ސިއްޙީ ޚިދުމަތްދޭ ތަންތަން މަރާމާތުކުރުމުގެ އިތުރުން، އަތޮޅުތަކަށް ބޭނުންވާ ސިއްޙީ ފަރުވާދޭ އާލާތްތަކާއި، މެޝިނަރީޒް އަދި ބޭސްފަދަ ތަކެތި ފޯރުކޮށްދިނުމަށް އެސް.ޓީ.އޯއާއި ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.