ޚަބަރު

މަރުޙޫމް ނުއުމާނުގެ މައްޗަށް ހިތަދޫގެ 4 މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކޮށްފި


މިދިޔަ އަންގާރަދުވަހު އަވަހާރަވި ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަލްމަރުޙޫމް އަޙުމަދު ނުއުމާނުގެ މައްޗަށް ހިތަދޫ 4 މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.

ކަސްޓަމްސްގެ ވެރިޔާ އަޙުމަދު ނުޢުމާނު އަވަހާރަވެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަދުވަހު އިންޑިއާގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން އުޅުއްވަނިކޮށެވެ.

ނުޢުމާން އަވަހާރަވުމާއި ގުޅިގެން މިއަދު ހުކުރު ނަމާދަށްފަހު އައްޑޫސިޓީ ހިތަދޫގެ މަސްޖިދުލްތަޤްވާ އާއި މަސްޖިދުއްޛިކުރާ އާއި މަސްޖިދުއްއިކްރާމް އާއި މަސްޖިދުލްޝޫރާ މިސްކިތުގައި ވަނީ އެބޭފުޅާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައެވެ. ނުޢުމާނަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އަޙުމަދު ނުޢުމާން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 11 ޑިސެމްބަރު 2018 ގައެވެ. މީގެ އިތުރުން އޭނާވަނީ އަދާލަތު ޕާޓީގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީގެ ރައީސްކަމާއި، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަޤާމާއި، ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގެ ބައެއް އިސް މަގާމުތައްވެސް ފުރުއްވާފައެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގައިވެސް ނުޢުމާން މަސައްކަތް ކުރައްވާފައިވެއެވެ.

އަޙްމަދު ނުޢުމާން އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.