ޚަބަރު

ކޯވިޑް-19: ޓެކްސީ ޑްރައިވަރުންވެސް ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަހުރި


ކޯވިޑް 19ން ރައްކާތެރިވުމަށް މިދުވަސްވަރު ހުރިހާ ފަރާތެއް ގުޅިން މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ. އެގޮތުން ޢާއްމުކޮށް މީހުން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށް ބާރުއަޅަމުން އަންނައިރު މީހުން ދަތުރުކޮށް އުޅޭ ޓެކްސީތަކުންވެސް ސަމާލުވާންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.

ކޯވިޑް ނަވާރަ ފެތުރެނީ ލޮލަށް ނުފެންނަ ކުޑަ ވައިރަހަކުންކަމަށް ވާތީ މިވައިރަހުން ރައްކާތެރިވުމަށް ކުރަންޖެހޭ މުހިއްމުކަންކަން އެބަހުއްޓެވެ. އެގޮތުން ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަކީ މިދުވަސްވަރު ކުރެވޭނެ އެންމެ މުހިއްމު އެއްކަންތަކެވެ. އެގޮތުން ޢާއްމުކޮށް މީހުން ދަތުރުފަތުރުކުރުމަށް ބޭނުންކުރާ އުޅަނދުތައް ސާފުކޮށް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. މީގެތެރޭގައި ޓެކްސީއަކީ ދަތުރުފަތުރު ކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ އުޅަނދުތަކަކަށް ވާއިރު، ޓެކްސީ ޑްރައިވަރުން ސަމާލުކަންދޭންވީ ކަންކަން އެބަހުއްޓެވެ.

ޓެކްސީކުރުމުގައި ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގައި މަސައްކަތްކުރައްވާ ޑރ.މުއާޒް މޫސާ ވިދާޅުވީ ހުމާ ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ މިދުވަސްވަރު ޑްރައިވަރުންވެސް ދަތުރުތައް ނުކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ކޮންމެހެން ދާން ޖެހޭ ތަންތަނަށް ދިޔުމުގައި ފަސިންޖަރުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑރ.މުއާޒް ވަނީ އިރުޝާދު ދެއްވާފައެވެ.

ޓެކްސީކުރައްވާ ފަރާތްތަކަށް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ.މުއާޒް ވިދާޅުވީ މިދުވަސްވަރު ދަތުރުކުރުމުގައި ޓެކްސީތަކުގެ ފަހަތު ސީޓަށް އެރުމަށް ފަސިންޖަރުންނަށް ބާރުއެޅުއްވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އެންމެ މުހިއްމު ބޭނުމަކީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމެވެ. ހަމަ މިސަބަބަށްޓަކައި ކުރީ ސީޓާއި ފަހަތު ސީޓު ވަކިކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެކަމެއްކަމަށް ޑރ.މުއާޒް ވިދާޅުވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޓެކްސީ ކުރައްވާ ފަރާތްތަކަށް ކުރެވިދާނެކަންކަމާ ގުޅޭގޮތުން ޑރ.މުޢާޒް މޫސާ މައުލޫމާތު ދެއްވަނީ

މީގެ އިތުރުން މިދުވަސްވަރު ޓެކްސީއަށް އަރާ މީހުންނާއި ޑްރައިވަރުގެ ރައްކާތެރިކަމަށް އަތް ސެނެޓައިޒްކުރެވޭނެ ގޮތަށް ސެނެޓައިޒަރއެއް ޓެކްސީތަކުގައި ބެހެއްޓުމަކީވެސް މުހިއްމުކަމެއްކަމަށް ޑރ.މުއަޒް ވިދާޅުވިއެވެ. އަދި ޢާއްމުގޮތެއްގައި ޓެކްސީތަކަށް އަރާ މީހުން އަތްލާ ތަންތަން ގިނަގިނައިން ސާފުކުރުމަށްވެސް ޑރ.މުއާޒް ވަނީ ބާރުއަޅުއްވާފައެވެ. ސަބަބަކީ ވައިރަހުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރެނީ ބަލި ހުރި މީހަކު ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ކުޅުތިކިތައް ތަންތަނުގައި ޖެހުމުންނާއި ކެއްސާ ކިނބިހި އަޅާއިރު އަނގަ ނިވާކުރުމަށް އަތް ބޭނުންކުރުމަށްފަހު ތަންތަނުގައި އަތްލާފައި ހުއްޓަ އެތަނެއްގައި އެހެން މީހަކު އަތްލުމަށްފަހު އެމީހެއްގެ ލޮލުގައި ނުވަތަ އަނގައިގައި އަތްލެވުމުގެ ސަބަބުންނެވެ. އެހެންކަމުން މީހުން ގިނަގިނައިން އަތްލާ ތަންތަން ސާފުކުރުމަކީ ކޯވިޑް ނަވާރައިން ރައްކާތެރިކަމަށް ކުރެވިދާނެ މުހިއްމުކަމެކެވެ.

މުޅި ދުނިޔޭގައި ނުރައްކާތެރި ކޯވިޑް ނަވާރަ ފެތުރެމުންދާއިރު ރާއްޖޭގައިވެސް މިވައިރަސް ފެތުރުމުގެ ފުރުސަތު އޮތުމާއެކު ޑރ.މުއާޒް ވަނީ ޓެކްސީތައް ދުއްވާއިރު ވީހާވެސްބޮޑަކަށް ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ. ކޯވިޑް 19އަކީ ވައިރަހަކުން ޖެހޭ ބައްޔެއްކަމަށްވުން ޑރ.މުއާޒް ވަނި ޓެކްސީ ކުރާ ފަރާތްތަކުން މިދުވަސްވަރު މީހުންނާއެކު ދަތުރުކުރާއިރު ޓެކްސީގެ ދޮރުތަކުގެ ބިއްލޫރިގަނޑު ތިރިކޮށްފައި ބެހެއްޓުމަށް އިރުޝާދު ދެއްވާފައެވެ. އަދި ޓެކްސީގެ ފީދެއްކުމަށް ފައިސާގެ މުޢާމަލާތްތައް އޮންލައިންކޮށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅެއްކަމަށް ޑރ.މުއާޒް ވިދާޅުވިއެވެ.

މިއީ ޓެކްސީކުރާ ފަރާތަތްކަށް ކަމާބެހޭ ފަރާތްތަކުން ދެއްވާފައިވާ އިރުޝާދުތަކެއްނަމަވެސް އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ބަލިވެ އުޅޭނަމަ މިދުވަސްވަރު ބޭރަށް ނުދިޔުމަށް ކަމާބެހޭ ފަރާތްތަކުން އަންނީ އިލްތިމާސްކުރައްވަމުންނެވެ. އަދި ކޮންމެހެން ދާންޖެހޭނަމަވެސް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށްވެސް އަންނަނީ އިރުޝާދު ދެމުންނެވެ.