ޚަބަރު

ކޯވިޑް-19 : އޯލެވެލް އިމްތިޙާން ފަސްކުރާނަމަ އެސްއެސްސީ އިމްތިޙާނުވެސް ފަސްކުރާނެ - މިނިސްޓަރ


އޯލެވެލް އިމްތިހާނަށް ބަދަލުގެނައުމާ ގުޅޭގޮތުން ކެމްބްރިޖް ޔުނިވަރސިޓީއާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ އޯލެވެލް އިމްތިހާނަށް ބަދަލުގެނައުމާ ގުޅޭގޮތުން މިހާތަނަށް ކެމްބްރިޖުން ރަސްމީ ސިފައެއްގައި އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އޯލެވެލް އިމްތިހާނަށް ބަދަލު ގެންނަން ކެމްބްރިޖުން ނިންމައިފިނަމަ އެސްއެސްސީ އިމްތިހާނަށްވެސް ބަދަލު ގެންނާނެ ކަމަށެވެ.
އެހެންކަމުން މިހާތަނަށް އެސްއެސްސީ އިމްތިހާން ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

"މިހާތަނަށް ކުރި މަޝްވަރާއިން އަދި އެބޭފުޅުން އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ހަމައެކަނި މޭއި ޖޫންގެ އެގްޒޭމްސްތައް ފަސްކުރިކަން. އޮކްޓޯބަރ ނޮވެމްބަރގެ އެގްޒޭމްސް އެބޭފުޅުން ފަސްކުރާނަމަ އަޅުގަނޑުމެން ރާއްޖޭގައި ކުރިއަށްގެންދާ އެސްއެސްސީ އެގްޒޭމްސްތައް ފަސްކުރާނަން." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކެމްބްރިޖު ޔުނިވަރސިޓީން މިހާތަނަށް ކެންސަލްކޮށްފައިވަނީ މިއަހަރުގެ މެއި ޖޫންގައި ބާއްވާ އިމްތިޙާނުތައް އެކަންޏެވެ. މޭއި ޖޫންގައި އޮންނަ ކެމްބްރިޖް އިމްތިޙާނުގައި ރާއްޖޭގެ ފަނަރަސަތޭކަ ނަވާވީސް ކުދިން މިއަހަރު އިށީންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވާ ކުދިންގެ ޢަދަދު މަދުވިނަމަވެސް ރާއްޖޭގެ ދަރިވަރުންގެ އާބާދީގެ ބޮޑު ބައެއް ކޮންމެ އަހަރެއްގެވެސް ކެމްބްރިޖްގެ އޮކްޓޯބަރ ނޮވެމްބަރގައި އޮންނަ އިމްތިޙާނުގައި ބައިވެރިވެއެވެ. އެހެންކަމުން ކޯވިޑް ނަވާރައާއި ގުޅިގެން އަންނަ މި ބަދަލާއެކު ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެއެވެ. އަދި މިއީ މުޅި ދުނިޔޭގެ ތަޢުލީމީ ދާއިރާއަށްވެސް އަންނާނެ ބޮޑު ބަދަލެކެވެ.