ޚަބަރު

ކޯވިޑް-19 : ފަސް ދުވަހު 5 ގަޑިއިރަށް ކްރިމިނަލް ކޯޓު ހުޅުވަނީ


ކޮންމެހެން ހިންގަންޖެހޭ ޝަރީޢަތްތައް ހިންގުމަށްޓަކައި ވަކި ވަގުތުތަކެއްގައި ކްރިމިނަލް ކޯޓު ހުޅުވަން ނިންމައިފިއެވެ.

އެކޯޓުން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުން، މިދިޔަ މާޗް މަހުގެ 19އިން ފެށިގެން ސަރުކާރު ބަންދު ކޮށްފައިވީނަމަވެސް، ކޮންމެހެން ހިންގަންޖެހޭ ޝަރީޢަތްތައް ހިންގުމަށްޓަކައި، ހުކުރު، ހޮނިހިރު ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 15:00 އަށް އެކޯޓު ހުޅުވުމަށް ނިންމަވާފައިވާކަމަށެވެ.

އަދުލު އިންޞާފުޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމުކަމެއްކަމުގައިވާތީ ކްރިމިނަލް ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކިކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު ކުރިމިނަލްކޯޓުގައި ކުރިއަށްގެންދަވައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ މިދުވަސްވަރަކީ ދިވެހިރާއްޖޭގައި ނުރައްކާތެރި ބަލި މަޑުކަމެއް ފެތުރެމުންދާ ދުވަސްވަރަކަށްވުމުން ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގައި ވީހާވެސް ބޮޑަކަށް މީހުން ކޯޓަށް ޖަމާނުވާނެހެން، މީހުން ސީދާ ކޯޓަށް ހާޟިރުކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތަކާއި ބަންދާމެދު ގޮތްނިންމުމުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް އެ ކޯޓުން އިސްކަންދޭކަމަށެވެ.

މިގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތަކާއި ބަންދާމެދު ގޮތްނިންމުމުގެ މަޖިލިސްތައް ކުރިއަށް ގެންދާނީ، ސުޕްރީމް ކޯޓުގެ ސަރކިއުލަރއިން އަންގަވާފައިވާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ޤަވާއިދާ އެއްގޮތަށްކަމަށް އެކޯޓުން ވިދާޅުވިއެވެ.

ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ނެރޭނީ އެކަމަށް ބޭނުންވާ އެންމެ މަދު މިންވަރެއްގެ މުވައްޒަފުންކަމަށްވެސް އެކޯޓުން މައުލޫމާތުދެއްވައެވެ. މީގެއިތުރުން، މިދުވަސްވަރު ޝަރީޢަތްތަކާއި ގުޅުންހުރި އެކިއެކި ލިޔުންތައް ސީދާ ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އީމެލްމެދުވެރިކޮށް ހުށައެޅުމަށް އެކޯޓުންވަނީ އިލްތިމާސްކުރައްވާފައެވެ.