ވިޔަފާރި

އަންނަ ހަފްތާގެވެސް ތިން ދުވަހު ބީއެމްއެލް އިން ޚިދުމަތް ދޭނެ


ބީއެމްއެލްގެ ބުރާންޗުތައް އަންނަ ހަފްތާގެ 3 ދުވަހު ހުޅުވާފައި ހުންނާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އަންނަ ހަފްތާވެސް ބަންދު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް ބީއެމްއެލްގެ ބާޒާރު ބްރާންޗް ފިޔަވައި ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް މިމަހުގެ 13، 14 އަދި 16ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. މިދުވަސްތަކަކީ އަންނަ ހަފްތާގެ ހޯމަ، އަނގާރަ އަދި ބުރާސްފަތި ދުވަހުއެވެ. މިދުވަސްތަކުގައި ބޭންކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:30 އިން 12:30 ގެ ނިޔަލަށެވެ.

ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގު ފަހިކޮށް، ޚިދުމަތް ހޯދުމަށް ބޭންކަށް ވީހާވެސް މަދުން ދިއުމަށް އިލްތިމާސްކޮށްފައެވެ.