ޚަބަރު

މެރިއެޓް މޯލްޑިވްސްއިން ގެއްލުނު މީހާ އަދިވެސް ނުފެނޭ


މެރިއެޓް މޯލްޑިވްސްއިން މޫދަށް ފުންމާލި ބިދޭސީ މީހާގެ އެއްވެސް ނިޝާނެއް މިހާތަނަށް ބެލި ބެލުމުން ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ޖޭ.ޑަބްލިއު މެރިއެޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީމީހާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ. އުމުރުން 30އަހަރުގެ ބިދޭސީ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށާ، އެމީހާއަކީ އެރަށު އިމާމުކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.

އެފަރާތުން މަޢުލޫމާތުދޭގޮތުގައި ރިސޯޓުގެ ސީސީޓީވީން ފެންނަގޮތުން އެމީހާ ފޯނުކޯލެއްގައި ހުރެފައި، ރިސޯޓްގެ ސަޕްލައި ޖެޓީއިން މޫދަށް ފުންމާލާތަންވަނީ ފެނިފައެވެ. މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިމަހުގެ 6ވަނަ ދުވަހުގެ ރޭ 22:13ހާއިރުއެވެ.

މި މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ޑައިވަރުންދަނީ އެސަރަޙައްދު މޫދަށް ޑައިވްކޮށް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުން މިހާތަނަށް 136.3 ސްކޮޔަރ ކިލޯމީޓަރުގެ ސަރަޙައްދުވަނީ ބަލާފައެވެ. މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.