ޚަބަރު

9ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ 4 މީހުން ޝަރިއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި


9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި ގދ.ހޯޑެއްދޫ އަރުޝަދު ޚާލިދާއި އެމައްސަލާގައި ހިމެނޭ އިތުރު 3މީހުން، ޝަރިޢަތް ނިމެންދެން ބަދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އަރުޝަދު ޚާލިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މާޗް މަހުގެ 30ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އޭނާވަނީ ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ރިވިއުކޮށްދިނުމަށް ޕީޖީގައި ފުލުހުން އެދުމުން ޕީޖީ މެދުވެރިކޮށް އެމައްސަލަ ރިވިއުކުރުރުމަށްފަހު ކްރިމިނަލް ކޯޓުންވަނީ އަރުޝަދު ޚާލިދުގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް ނިންމާފައެވެ.

އަދި 10ދުވަސް ހަމަވެ މިއަދު ބޭއްވި މުއްދަތު ބައްދަލުވުމުގައިވަނީ އަރުޝަދު ޚާލިދާއި، އެ މައްސައިގައި ހިމެނޭ އަޙްމަދު ސުނައިން، އަލީ ޒުބައިރު، އަޙްމަދު ގިޔާސް، ޝަރިއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.

މަސްތުވާތަކެތީގެ މި އޮޕަރޭޝަންގައި 9މީހުންވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. މި މީހުންގެ ވަނަވަރު ފުލުހުންވަނީ ހާމަކޮށްފައެވެ. މި މައްސަލައިގެ ހިމެނޭ އަނެއް 5މީހުންގެ ބަންދާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މައްސަލައިގެ ތަޙުޤީގު ނިންމައި ދަޢުވާކުރުމާއިމެދު ގޮތެއް ނިންމުމަ ފުލުހުން މިހާރުވަނީ މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. މި މައްސަލާގައި 9 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 4 ގްރާމް އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފައިވެއެވެ.