ޚަބަރު

ޓްރަމްޕްގެ ތުހުމަތުތަކަށް ޑަބްލިޔުއެޗްއޯއިން ރައްދުދީފި


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ޗައިނާއަށް ޙާއްޞަ ގޮތެއް ބަހައްޓާކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުޙުމަތުތަކަށް އެޖަމްޢިއްޔާއިން ރައްދު ދީފިއެވެ.

އެމެރިކާއިން ވަނީ ކޯވިޑް-19 ބަލިމަޑުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިހުމާލުވެފައިވާކަމަށް ބުނެ އެޖަމްޢިއްޔާއަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރުދީފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެންފެށިއިރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ގިނަ ގޯސްތަކެއް ހަދާފައިވާކަމަށާއި އެމެރިކާއިން ޗައިނާއިން އަންނަ ފްލައިޓުތައް ހުއްޓާލާނެކަމަށް ބުނުމުން އެޖަމްޢިއްޔާއިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަމަށެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކުގެ މެދުގައި ތަފާތުކޮށް، ޗައިނާއާ އެއްކޮޅަށް ބުރަވެފައިވާކަމަށްވެސް ޓްރަމްޕްވަނީ ތުޙުމަތުކުރައްވާފައެވެ.

އެތުޙުމަތުތަކަށް ރައްދުދެއްވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ތެދްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ އެޖަމްޢިއްޔާއިން ވަކި ޤައުމުމަކާ އެއްކޮޅަށް ބުރަނުވާކަމަށާ، އެޖަމްޢިއްޔާއަކީ ހުރިހާ ޤައުމަކާއެކުވެސް ގާތް ގުޅުމެއް ބާއްވާ ޖަމްޢިއްޔާއެއްކަމަށެވެ. އަދި އެއްވެސް ނަސްލީ ތަފާތުކުރުމެއްވެސް އެޖަމްޢިއްޔާއިން ނުގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔެއަށް ބޮޑު ބަލާއާފާތެއް ކުރިމަތިވެފައިވާ މިދަނޑިވަޅަކީ ޤައުމުތަކުން ދެބަސްވާންވީ ވަގުތުނޫންކަމަށާ، ހުރިހާ ޤައުމެއްވެސް އެކުގައި މަސައްކަތްކުރުމަށް ތެދްރޮސް އަދަނަމް ގޮވާލެއްވިއެވެ. އަދި ސިޔާސީ މަގުސަދުތައް ޙާޞިލްކުރުމަށް ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ބޭނުން ނުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އެޖަމްޢިއްޔާއަށްވެސް ބައެއް ފަހަރު ގޯސް ހެދޭނެކަމަށާ، ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައިގަނެވުމުން އެޖަމްޢިއްޔާއަށް ހެދިފައިވާ ގޯސްތައް ބަލާ އެއިން ފިލާވަޅު ލިބިގަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުން އިސްނެގުމަށާ، ބަލިމަޑުކަމުގެ މައްސަލައިގައި ވެފައިވާ ދެބަސްވުންތައް މިވަގުތަށް 'ކަރަންޓީނު' ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.