ޚަބަރު

ޖޮންސަންގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން


ކޯވިޑް-19 ގެ ސަބަބުން އައިސީޔޫގައި އެނދުމަތިކޮށްފައިވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޮޑުވަޒީރު ޖޮންސަން ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި އެނދުމަތިކުރެވުނީ ކޯވިޑް-19 ޖެހިވަޑައިގެން ފަހުން 10 ދުވަސް ވީއިރުވެސް ބަލީގެ ޢަލާމާތްތައް ރަނގަޅުނުވާތީއެވެ. އަދި ހަސްފަތާލަށް ގެންދިޔަ ފަހުން އޭނާގެ ޙާލަތު އިތުރަށް ގޯސްވެ، ފަހުން ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. ނަމަވެސް ވެންޓިލޭޓަރެއް ބޭނުންކުރަންޖެހޭ މިންވަރަށް އޭނާގެ ޙާލަތު ގޯސްވެފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ މާލީ ވަޒީރު ރިޝީ ސުނަކް ވިދާޅުވީ ބޮޑުވަޒީރު ޖޮންސަންގެ ޙާލު ރަނގަޅުވަމުން އަންނަކަމަށެވެ. މިހާރު ތެދުވެ އިންނަވާކަމަށާ، އައިސީޔޫގައި މަސައްކަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރިންނާ ވާހަކަ ދައްކަވާ ހައްދަވާކަމަށް ސުނަކް ވިދާޅުވިއެވެ. އަދި ބޮޑުވަޒީރުގެ ރަސްމީ އޮފީހުންވެސް އޭނާގެ ޙާލު ރަނގަޅުވަމުންއަންނަކަމަށް ބުނެއެވެ.
އިނގިރޭސިވިލާތުގައި 67000 އަށްވުރެ ގިނަ މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް 7000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކުރިއަށް އޮތް ހަފްތާގައި އެޢަދަދުތައް އިތުރުވެ، އިނގިރޭސިވިލާތުގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށް ޞިއްޙީ މާހުރިންވަނީ ލަފާކޮށްފައެވެ.

އިނގިރޭސިވިލާތުގައި ބަލިމަޑުކަން ފެތުރުން ހުއްޓުމަށް މުޅި ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. އޭގެ ސަބަބުން އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. އެޤައުމުގެ ސަރުކާރުން ބުނެފައިވަނީ ޤައުމު ބަންދުކުރާތާ ތިން ޙަފްތާ ފަހުން ފިޔަވަޅުތައް އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރާނެކަމަށެވެ.

އެޤައުމު ބަންދުކުރި ފަހުން މީހަރުވަނީ ތިންހަފްތާވާން ގާތްވެފައެވެ. ބޮޑުވަޒީރުގެ ބައެއް މަސްޢޫލިއްޔަތުތަކާ މިވަގުތު ޙަވާލުވެ ހުންނެވި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބް ވިދާޅުވީ ފުރަބަންދާމެދު ސަރުކާރުން ގޮތެއް ނިންމާނީ ޞިއްޙީ މާހިރުންގެ ލަފާގެ މަތިންކަމަށެވެ.