ސިއްހަތު

އަމާނަތަކަފުލްގެ އިންޝުއަރެންސް ޚިދުމަތް އަތޮޅުތަކަށް ފުޅާކުރަނީ


އަމާނަ ތަކަފުލްގެ އިންޝުއަރެންސް ޚިދުމަތް އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ. މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދުއެވެ. އަދި އަމާނަ ތަކަފުލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަރީޒް ސުލެއިމާންއެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަމާނަތަކަފުލްގެ މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލެއިމާން ވިދާޅުވީ، ހެލްތް މިނިސްޓްރީއާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޤުސަދަކީ، އެކުންފުނިން ދެމުންދާ ޚިދުމަތް ވިހާވެސް ފުޅާކޮށް، އަތޮޅުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް އިންޝުއަރެންސްގެ ޚިދުމަތް ތަޢާރަފުކުރުންކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، އަމާނަ ތަކަފުލްގެ އިންޝުއަރެންސް ޚިދުމަތް ހޯދެއްވުމަށް ކާޑު ހައްދާފައިވާ ފަރާތްތަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކާއި، ހެލްތް ސެންޓަރުތަކުން އެކާޑު މެދުވެރިކޮށް އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަމާނަ ތަކަފުލްގެ ފަރާތުން ތަޢާރަފުކޮށްފައިވާ "ގްރޫޕް ސަރޖިކަލް އެންޑް ހޮސްޕިޓަލައިޒޭޝަން ތަކާފުލް" މެދުވެރިކޮށް މެޑިކަލް އޯ.ޕީ.ޑީ އަދި އައި.ޕީ.ޑީ ސަރވިސެސް ކަވަރ ކުރރެވިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.