ޚަބަރު

ވިލިވަރުގައި އަލިފާން ރޯވެއްޖެ


ކޯވިޑް-19އާ ގުޅިގެން ކަރަންޓީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ.ވިލިވަރުގައި އަލިފާން ރޯވެ އަނދަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އަލީފާން ރޯވީ އެރަށުގައި ކުނިއެއްކުރާ ސަރަހައްދުގައެވެ. މީހުން އުޅެނީ އެސަރަޙައްދާ ދުރުގައެވެ. މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ.

މިޙާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން މިހާރު ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އެފަރާތުން ވިދާޅުވީ މިޙާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގައި މުދަލާއެކު އޮތް ކޮންޓޭނަރެއްގައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ވިލިވަރުގައި ޤާއިމްކޮށްފައިވާ މި ކަރަންޓީން ފެސިލިޓީއަކީ 30 މީހުންގެ ޖާގައިގެ ތަނެކެވެ. މާލެ އަތޮޅު ގުރައިދޫކައިރީގައި ރިސޯޓެއްގެ ގޮތުގައި ކުރިންހިންގި ވިލިވަރުގައި ތަރައްޤީކުރި ކަރަންޓީނު ފެސިލިޓީއަށް ވަނީ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަންވެސް ލިބިފައެވެ. މިތަން ހަދާފައިވަނީ އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓުވެސް އިތުރު ކުރެވޭގޮތަށެވެ. މި ފެސިލިޓީގައި ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.