ޚަބަރު

މާރުކޭޓުގެ ގޮޅިތަކުގައި ތިބެވޭނީ ހަމައެކަނި ގޮޅިތައް ދީފައިވާ މީހުންނަށް އެކަނި - ސިޓީ ކައުންސިލް


މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭނަމަ ވަގުތުން ގޮޅި ބަންދުކުރަން އަންގާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މަރާމާތަށް ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރުމަށްފަހު އަލުން ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ސިޓީ ކައުންސިލުން މިހާރުވަނީ ގޮޅިތައް ލިބުނު މީހުން ހޮވައި، ގޮޅިތަކުގެ ވެރިންނާއިއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިވެސްކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުންފެށިގެން ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވަނީ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. މާރުކޭރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ސިޓީ ކައުންސިލާއި ސުވާލުވެސް ކުރައްވާފައެވެ. ލާމަރުކަޒީ ކޮމިޓީގައި މާރުކޭޓުގެ ކަންކަން ބެލުމަށް ހަމަޖައްސާފައިވާ ސަބް ކޮމިޓީގައި އޯޑިއޯ ކޮންފަރެންގެ މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދުއާއި ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެޓީ މެންބަރުންވަނީ ކޯވިޑް-19ގެ ހާލަތާއި ދިމާކޮށް ގޮޅިތަކުގެ އަގު ހެޔޮކުރުމަށް ލަފާދީ، އެކަމަށް އެއްވެސް މަސައްކަތް ކުރަމުންދޭތޯ މާލޭ މޭޔަރާއި ސުވާލު ކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިހާރުވެސް ގޮޅިތައް ދޫކޮށްފައިވާނީ ހެޔޮ އަގެއްގައިކަމަށާއި، ނަމަވެސް އަގުތަކުން ލުޔެއް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

"ލޯކަލް މާރުކޭޓްގެ ގޮޅިއެއް ދޫކޮށްފައިވާނީ 2000 ރުފިޔާއަށް. ދަތުރުވެރިންގެ މާރުކޭޓް މި ހުޅުވަނީ ގޮޅިއަކަށް 3000ދައްކާގޮތަށް. ކުޑަ ފީއަކަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވާފައި، އެކަން ގޮޅިތަކުގެ ވެރިންނަށް އަންގާނަން." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ މަސައްކަތް ފެށޭވަރަށް މިހާރުވެސް މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ގޮޅިތައް ލިބުނު މީހުންނާއި ގޮޅިތައް ހަވާލުކޮށްފައިވާއިރު މިހާރުވެސް ގޮޅިތައް ތައްޔާރުކުރުމަށް އެމީހުންނަށް މާރުކޭޓަށް ވަދެ އުޅެވޭނެކަމަށެވެ.

މާރުކޭޓު އަލުން ހުޅުވުމަށް ތައްޔާރުވެފައިވާއިރު، މިފަހަރު ދޫކޮށްފައިވަނީ 116 ގޮޅިއެވެ. ޝިފާ ވިދާޅުވީ ގޮޅިތައް ބަލަހައްޓާނީ ކުރިއަށްވުރެ ހަރުދަނާކޮށްކަމަށެވެ.

"މިފަހަރު ގޮޅީގައި ތިބެވޭނީ ގޮޅީގެ ވެރިންނަށް. އެއަށްފަހު ދެން ކަނޑައަޅާ އިތުރު މީހަކަށް. ދިވެހިންނަށް ތިބެވޭނީ. ގޮޅީގައި ތިބެވޭ މީހުންގެ މަޢުލޫމާތު ފޮޓޯއާއިއެކު ގޮޅީގައި ހަރުކުރާނަން. އެއާއި ޚިލަފާއި ގޮޅީގައި ބިދޭސީން ބައިތިއްބާނަމަ ވަގުތުން ގޮޅި ނަގާނަން." ޝިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ރަމަޟާންމަހުގެ ކުރިން މާރުކޭޓުގެ ޚިދުމަތް ފަށާނެކަމަށެވެ. ލޯކަލް މާރުކޭޓު އަލުން ތަރައްޤީކޮށްފައިވަނީ ކެމެރާ ހަރުކޮށް، އެ ސަރަޙައްދު 24 ގަޑިއިރު މޮނިޓަރ ކުރެވޭގޮތަށެވެ. އަދި ގަވާއިދުން ކުނި އުކުމާއި މާރުކޭޓްގެ ސާފު ކަމަށްވެސް ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ޝިފާ ވިދާޅުވިއެވެ.

މިފަހަރު މާރުކޭޓުގެ ގޮޅިތައް ލިބުނު މީހުން ހޮވުމުގައި އިސްކަންދީފައިވަނީވެސް ކުރިން ގޮޅިތައް ނެގި ދިވެހިން، އެގޮޅިތަކުގައި މަސައްކަތްކުރި މިންވަރަށް ބަލައި އިސްކަންދީގެންނެވެ.