ޚަބަރު

ބިދޭސީއަކަށް ހަމަލާ ދީ އޭނާގެ ވޮލެޓް ފޭރިގެންފި


ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާ ދީ އޭނާގެ ވޮލެޓް ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ ރޭ 10:30 ހާއިރު ކުޅުދުއްފުށީގައި ބަންގްލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށްގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީ މީހާއަށް ދަނޑިބުރިއަކުން ހަމަލާދީ އޭނާގެ ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ.

މި މާރާމާރީގައި ބިދޭސީ މީހާގެ ވާތްފަރާތު ބުމައިގެ މަތިން އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެމީހާގެ ކަނައަތަށްވެސް ވަނީ އަނިޔާވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މިހާރު އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށާއި މި މައްސަލައިގަ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަޙްޤީގު ކުރަމުންނެވެ.