ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަވަހާރަވެއްޖެ


ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އިންޑިއާގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން އުޅުއްވަނިކޮށްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭނާ ފަރުވާ ހޯއްދަވަނީ ކިޑްނީގެ ބައްޔަކަށް ކަމަށާ، ކިޑްނީ ޓްރާންސްޕްލާންޓް ހެއްދެވުމުގެ އޮޕަރޭޝަނެއް ކުރައްވަން އުޅުއްވިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

ނުޢުމާނަކީ ޢަދާލަތު ޕާޓީގެ ސްލޮޓެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 11 ޑިސެމްބަރު 2018 ގައެވެ.

ޢަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައިވަނީ އޭނާއަކީ އެޕާޓީގެ އިންސާނީ ހައްޤުތަކާބެހޭ ކޮމިޓީގެ ރައީސްކަމަށާ، އޭނާ އަވަހާރަވުމަކީ އެޕާޓީއަށާއި ދިވެހި ޤައުމަށް ލިބުނު ހިތާމަވެރި ޚަބަރެއް ކަމަށެވެ.

ނުޢުމާނަކީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމާއި، ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގެ ބައެއް އިސް މަގާމުތައްވެސް ކުރިން ފުރުއްވާފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

އަޙްމަދު ނުޢުމާން އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.