ޚަބަރު

ތޮއްޖެހިފައިވާ ތަންތަނުން 5000 ބިދޭސީން ހުޅުމާލެއާއި ގުޅިފަޅަށް ބަދަލުކުރަނީ


މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން، ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ހުޅުމާލެއާ ގުޅީފަޅަށް 5000 މީހުން ބަދަލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ އެކި ތަންތަކުގައި އެކަށީގެން ނުވާވަރަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން މީހުން މަދުކުރުމަށް ވަނީ ނިންމަވާފައެވެ.

މިމަސައްކަތާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ މާލޭގައި ގިނަ ޢަދަދަކަށް ބިދޭސީން ދިރިއުޅޭ ތަންތަން ދެނެގަތުމުގެ މަސައްކަތް މިހާރުކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް އެފަދަ 14 ތަނެއް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލެއާއި ގުޅިފަޅުގައި ހުރި ބައެއް ޢިމާރާތްތައް މަރާމާތުކޮށްގެން އެތަންތަނަށް ބިދޭސީން ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ވަގުތީ ޙައްލެއްކަމަށާ، ބިދޭސީން ތޮއްޖެހޭ މައްސަލައަށް ދާއިމީ ޙައްލެއްގެނައުމަށް މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރާއިރު އެތަނުގެ ވަކި ސަރަހައްދެއްގައި ބިދޭސީ މަސައްކަތުމީހުންނަށް ޚާއްސަ ވިލެޖެއް ހަދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެތެރެއިން ޤައުމަށް އެނބުރި ދިއުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 800 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނަމިކް މިނިސްޓަރ ވިދާޅުވިއެެވެ. މިގޮތަށް ރަޖިސްޓްރީވާ މީހުން ޤައުމަށް ފޮނުވުމުގައިވެސް މިވަގުތު ދަތިތަކެއް ހުރިކަމަށާ، ބަންގްލަދޭޝްއިން އެޤައުމުގެ އެއްވެސް މީހަކު މިވަގުތު އަނބުރައި އެޤައުމަށް ގެންދަން އަދި އެއްބަސް ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްއިން ހުއްދަދިނުމާއެކު ޕާސްޕޯޓްއޮތް އެޤައުމުގެ މީހުން ޤައުމަށް ފޮނުވާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.