ޚަބަރު

ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މިވަގުތު ޤާނޫނީ ހުރަހެއްނެތް - ބަންޑާރަނާއިބު


ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މިވަގުތު ޤާނޫނީ ހުރަހެއް ނެތްކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ސުވާލުވެސް އުފައްދަވާފައެވެ. މިކަމާ ގުޅޭގޮތުން ބަންޑާރަނާއިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،
ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރައްވާފައިނުވާކަމަށާއި، އެހެންކަމުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މިހާލަތުގައި ހުރަހެއް ނެތްކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހިފައިވާއިރު، ޤާނޫނުއަސާސީ އިސްލާހުކޮށް އެމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނިކޮށް ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގެ 267 މާއްދާގައި ބަޔާންކޮށްފައިވާތީ މެންބަރުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ހުޅުވާލުމުން ގިނަ މެންބަރުން ވަނީ މިހާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާހު ނުގެނެވޭނެކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވީ ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފައިކަމަށާއި، ޖޫންމަހުގެ 3 ވަނަ ދުވަހުގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެންކަމަށެވެ. އަދި ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާކަމަށެވެ.

ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިޢުލާންކޮށްފައިވަނީ ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކްހެލްތަށް ލިބިފައިވާ އިޚްތިޞާސްތަކުގެދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓަރަށް އަރުވާފައިވާ ލަފަޔާއި ގުޅިގެން ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މިހާލަތަކީ ޢާންމު ހާލަތެއް ނޫންކަމަށާއި، ސިއްހީ ނުރައްކަލުގެ ހާލަތުގައި އިންތިޚާބެއް ނުބޭއްވެނެތީ ޤާނޫނު އަސަސާސީ އިޞްލާހު ކޮށްގެން ނޫނީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.