ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާހު ގެނެވިދާނެކަމާމެދު ސުވާލު އުފައްދައިފި


ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީއަށް އިޞްލާހު ގެނެވިދާނެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދަނޑިވަޅުގައި ޤާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެކަމާމެދު ސުވާލު އުފައްދަވާފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ ވަގުތުގައި ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގެ 267 މާއްދާގައި ބަޔާންކޮށްފައިވާތީ މެންބަރުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލުމުންނެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުނީ ކޯވިޑް 19ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހިފައިވާއިރު، ޤާނޫނުއަސާސީ އިސްލާހުކޮށް އެމައްސަލައަށް ހައްލެއް ހޯދުމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާހު ގެނައުމުގެ މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ޤާނޫނު އަސާސީއަށް އިޞްލާހު ނުގެނެވޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މިހާލަތަކީ ޢާންމު ހާލަތެއް ނޫންކަމަށާއި، ސިއްހީ ނުރައްކަލުގެ ހާލަތުގައި އިންތިޚާބެއް ނުބޭއްވެނެތީ ޤާނޫނު އަސަސާސީ އިޞްލާހު ކޮށްގެން ނޫނީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން ކުރީގެ ހޯމް މިނިސްޓަރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތަކީ ނުރައްކާތެރި ހާލަތެއްކަމަށެވެ. އަދި ޤާނޫނު އަސާސީގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކަށްކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިޢުލަންކުރަންވެސް ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ. އެއްގޮތަކަށްވެސް ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލެއް ނޫން. ހެލްތު މިނިސްޓަރެއްވެސް ނޫން. ޤާނޫނު އަސާސީ މިހާ ސާފޫކޮށް ބުނެފަ އޮއްވާ އެހެން ޤާނޫނަކުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާގޮތަށް ޤާނޫނެއް ހެދީމަ ނިކުންނަ މައްސަލަތައް ނިކުމެގެން މިއުޅެނީ." ޙަސަން އަފީފް ވިދާޅުވިއެވެ.

ޙަސަން އަފީފްގެ ޚިޔާލާއި އެއްބަސްވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާލުވީ މި ޙާއްޞަ ހާލަތުގައި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެނެވޭނީ ޢާންމު ޙާލަތަށް ދިރިއުޅުން ބަދަލު ކުރެވުމުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ ދިރިއުޅުންވެސް އަޅުގަނޑުމެންގެ ދިރިއުޅުންވެސް ޢާންމު ހާލަތަށް އައީމަ ނޫނިއްޔާ ޤާނޫނު އަސާސީގަ އަތްލުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން. މިހާލަތުގަ ޤާނޫނު އަސާސީގަ އަތްލެވިގެން ނުވާނެ." އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ޤާނޫނު އަސާސީގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫންކަމަށާއި، މިއީ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލަށް ލިބިވަޑައިގަންނަވާ ޙަލަތުކަމަށެވެ. ޤާނޫނު އަސާސީގައި ބަޔާންކުރާ ހާލަތަކީ ރައިސުލްޖުމްހޫރިއްޔާ އިޢުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަމަށް ޙިސާން ވިދާޅުވިއެވެ.

"މިހާރު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާންކޮށްފައިވާ އިޢުލާކުރުމެއް. އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މި ދެންނެވި ޤާނޫނުގެ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު މި އިޢުލާންކޮށްފައިވާ ހާލަތަކީ ޤާނޫނު އަސާސީއާ ތަޢާރަޒްވާނެ ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް ނުވަތަ ސްޓޭޓް އެމެޖެންސީއެއްކަމަށް. އެހެންވެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް އޮތް ހުރަހެއްކަމަށް ޤަބޫލެއް ނުކުރެވޭ."

ޙިސާންގެ ވާހަކަފުޅަށް ތާޢީދުކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވެސް ވިދާޅުވީ މިހާރު އިޢުލާންކޮށްފައިވާ ޙާލަތީ ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއްކަމުން ޤާނޫނު އަސާސީ އިޞްލާހުކުރުމަށް އޮތް ހުރަހެއް ނޫންކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މި ދަނޑިވަޅުގައި ޤާނޫނުއަސާސީގައި އަތް ނުލައިފިނަމަ، ޤަނޫނު އަސާސީގައި ކޮންމެހެން އަތްލަންޖެހޭ ހާލަތެއްގައި މެނުވީ އަތްލާގެން ނުވާނެ. އެހެންނަމަވެސް އަތްލާންޖެހޭ ހާލަތަކަށް އައިސްފަ އޮތްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ މި ދަންވަނީ. މިވަގުތު ޤާނޫނު އަސާސީއަށް ގެންނަން މިޖެހޭ އިޞްލާޙު ނުގެނެސްފިނަމަ ދެން އެ ދެވެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލަށް ވަރަށް ބޮޑެތި ބާރުތަކެއް އިންތިޚާބުތަކާއި ކުޅެން."

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ، އައު ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު މަޤާމުތަކުގައި ތިއްބެވި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޤާނޫނުއަސާސީގައި ބަޔާންކުރާ ބައެއް ހައްޤުތައް ހަނިވެފައިވާ ވަގުތުގައިވެސް ޤާނޫނު އަސާސީއާއި ޚިލާފްވެގެން ނުވާނެކަމަށެވެ. ޤާނޫނުއަސާސީއަށް އިޞްލާހު ނުގެނެވުނު ނަމަވެސް ކައުންސިލަރުންގެ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ ޖޫން 3 ވަނަ ދުވަހުން ފެށިގެން އިންތިޚާބު ބޭއްވެންދެން އެކަމަށް ޤާނޫނެއް އުފެއްދުމަކީ މިވަގުތު އޮތް އެންމެ އެކަށޭނެ ހައްލުކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.