ޚަބަރު

އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން އިންޑިޔާގައި 9 މިނެޓަށް ކަރަންޓުކަނޑާލައިފި


ކޯވިޑް-19އާ ގުޅިގެން އެއްބައިވަންތަކަން ދެއްކުމުގެގޮތުން އިންޑިޔާގައި 9 މިނެޓަށް ކަރަންޓުކަނޑާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ވީޑިއޯ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ކޯވިޑް-19އާ ގުޅިގެން އެއްބައިވަންތަކަން ދެއްކުމުގެގޮތުންނާއި ކުރީސަފުގައި މަސައްކަތްކުރަމުންދާ ޞިއްޙީ އެހީތެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެގޮތުން އާދިއްތަ ދުވަހުގެ ރޭ، އިންޑިޔާގެ ގަޑިން ނުވައެއްޖަހާއިރު 9 މިނެޓަށް ކަރަންޓުކަނޑާލުމަށް ގޮވާލައްވާފައެވެ. އަދި އެވަގުތުކޮޅުގެ ތެރޭގައި ފުޅިބައްތިއާއި އުއްބަތިއާއި ފޯނުގެ އަލިކަން ބޭނުންކުރުމަށް މޯދީވަނީ އެދިވަޑައިގެންފައެވެ. ކަރަންޓުކަނޑާލުމަށް އޭނާ އެދިލައްވާފައިވަނީ 21 ދުވަހަށް އިންޑިޔާ ފުރަބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިޔާގެ ބޮޑުވަޒީރުގެ އެދުމަށް އެތައް ސަތޭކަ މިލިއަން މީހުންވަނީ 9 މިނެޓަށް ކަރަންޓުކަނޑާލާ ޤައުމީ ބޮޑު ކާރިޘާއެއްގައި އެއްބައިވަންތަކަން ދައްކުވާދީފައެވެ. އެޙަރަކާތުގެ ތެރޭގައި ނަގާފައިވާ ފޮޓޯތައްވަނީ ސޯޝަލް މީޑިޔާއަށް ޙިއްސާކޮށްފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމުގައި އިންޑިޔާގެ 1.3 ބިލިއަން މީހުން އެކަތިގަނޑެއްގެގޮތުގައި ގެންގުޅުއްވުމަށް އެޤައުމުގެ ބޮޑުވަޒީރުދަނީ ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން، އެއްބައިވަންތަކަން ދެއްކުމުގެގޮތުން އިންޑިޔާގައި 14 ގަޑިއިރަށް ކާފިއުއެއް އިޢުލާންކުރެއްވުމާއި ހަފުތާއަކު އެއްފަހަރު ޤައުމާ މުހާތަބުކުރެއްވުން ހިމެނެއެވެ.

އިންޑިޔާގައި 3,588 މީހަކަށް ކޯވިޑް-19ވަނީ ޖެހިފައެވެ. އަދި އެބަލިމަޑުކަމުގައި 99 މީހުންވަނީ މަރުވެފައެވެ.