ވިޔަފާރި

"މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިން- ދިވެހި އިޤްތިސާދަށް ކުރިމަގެއް"


މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިސާދާއި ތަރައްޤީގެ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިން، އެމް.އެސް.އެސްގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުﷲ ސަޢީދު ވިދާޅުވީ ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ގިނަ ޤައުމުތަކުން ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލާފައިވާއިރު އެޤައުމުތަކަށް ބަރޯސާނުވެ ރާއްޖޭގައި ވެސް އަމިއްލަ ކުންފުންޏެއް އޮތުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

އެމްއެސްއެސްގެ ޚިދުމަތް ފަށާ، ޝިޕިންގލައިންގެ ފުރަތަމަ ބޯޓު މިހާރު ރާއްޖެ އައިސްފައިވާއިރު މި ބޯޓާއެކު ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ބޮޑުތަނުން ހެޔޮވެގެންދާނެކަމަށާއި މީގެ ސަބަބުން ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑު ފައިދާއެއް ލިބޭނެކަމަށް އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

އަދި މި ކުންފުންޏާއެކު ދިވެހި ފަޅުވެރިންނާއި އޮފިސަރުންނަށް ވަޒީފާގެ އައު ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މުދާ އެތެރެކުރުމުގައި ބޭރު ބަޔަކަށް ބަރޯސާވެގެން ތިބޭކަން ނުޖެހޭނެ. އެމްއެސްއެސް އާއި އެކު ދިވެހި ރައްޔިތުންނަށް އައު އުއްމީދުތަކެއް ލިބިގެންދާނެ. ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތު ލިބިގެންދާނެ. އަޅުގަނޑު ޔަޤީންކަން ދެން ފަޚުރުވެރި ފަޅުވެރިންނާއި އޮފިސަރުންނަށް އަލުން އަނބުރާ މަޤާމަށް އާދެވޭނެ." އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ އުފެދުނު ޝިޕިން ލައިނަރ ބަނގުރޫޓުވެ، ދެވަނަ ޝިޕިންގލައިނެއްގެ ޚިދުމަތް ފަށާފައިވާއިރު މިކުންފުންޏަށް ވާނެ ގޮތަކާއި މެދު ސުވާލު އުފެދެއެވެ.

އެމްއެސްއެސް ޝިޕިންލައިނާގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޝިޕިންގލައިނަރ ބަނގުރޫޓުވެގެންދިޔައީ މި ވިޔަފާރިއަށް ރަނގަޅަށް ތައްޔާރު ނުވެވުމުގެ ސަބަބުންކަމަށެވެ.

އެހެންނަމަވެސް އެސްޓީއޯއިން މި ވިޔަފާރިގެ ތެރެއަށް ވަނީ ރަނގަޅު ސްޓްރެޓީޖިކް ޕްލޭންއަކާއި އެކު ފައިދާ ވާނެ ވިޔަފާރިއަކަށް ހެދުމަށް ކަމަށް އަމްރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ ކުރިން ޝިޕިންގ ލައިނެއް އޮތް ޤައުމެއް، ޝިޕިންގ ގެ ރަން ދުވަސްވަރެއް ރާއްޖެއަށް އައި. ނަމަވެސް މި ޝިޕިންގ ލައިން އުވިގެން ދިޔަ އެއް ސަބަބަކީ ރަނގަޅު ޕްލޭނެއް ނެތުން. ސްޓްރެޓީޖިކް ވިސްނުންތައް ގެންގުޅެންޖެހޭ. ޓެކްނޮލޮޖީ ބޭނުންކުރަން އެބަޖެހޭ. ޚާއްސަކޮށް މި ދަނޑިވަޅުގައި. އަޅުގަނޑު ޤަބޫލުކުރާހިތުން މިއީ އެތައް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެކަމުގެ ޔަޤީންކަމެއް." އަމްރު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ ޚިދުމަތް ރާއްޖޭގައި އަލުން ފަށާފައިވަނީ މި ޚިދުމަތް ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯވިޑް-19 ގެ ސަބަބުން އެކި ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓާލާފައިވާއިރު ސަރުކާރުން އެޅި މި ފިޔަވަޅަކީ ޤައުމުގެ އިޤްތިސާދު ކޮޅަށް ނެގުމަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނި ރަނގަޅަށް ހިންގާ ފައިދާ ލިބޭ ކުންފުންޏަކަށް ހެދިއްޖެނަމަ މިއީ ދިވެހި އިޤްތިސާދަށް ލިބޭނެ ކުރިމަގެއްކަން ޔަޤީނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންގލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރުގެ ގެއްލުމަކާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް، ބަނގުރޫޓުވެ 2012 ވަނަ އަހަރު ކުންފުނި އުވާލެވުނެވެ.

މި ކުންފުނި އުވާލުމާއެކު ޝިޕިން ކޯޕަރޭޝަން އޮފް މޯލްޑިވްސް، އެސްސީއެމްގެ ނަމުގައި އާ ޝިޕިން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް އޭރުގެ ސަރުކާރުން ކުރިއެވެ. އެހެންނަމަވެސް އެމްއެންއެސްއެލްގެ ފަހުން ސަރުކާރުން ޝިޕިންގލައިންގެ ވިޔަފާރިކޮށްފައެއްނުވެއެވެ.