ޚަބަރު

އިކޮނޮކިމް މިނިސްޓްރީގެ ޚިދުމަތްތައް ބަންދު ދުވަސްތަކުގައިވެސް ދޭނެ - މިނިސްޓްރީ


ސަރުކާރު ބަންދު މިދުވަސްކޮޅުވެސް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖަހަންދެން ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ހިދުމަތްތައް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި، ލޯގޯއާއި ސީލް ރެޖިސްޓްރީކުރުމުގެ އިތުރުން ޓްރޭޑްމާކް ރަޖިސްޓްރީއާއި، ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ޚިދުމަތް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޚިދުމަތްތަކުގެ އިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް، މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށްވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.