ޚަބަރު

ކޯވިޑް-19: ދުބާއީގައި ދެހަފްތާގެ ފުރަބަންދެއް


ކޯވިޑް-19 ފެތުރޭތީ ދުބާއީގައި ދެހަފްތާގެ ފުރަބަންދެއް އިޢުލާނުކޮށްފިއެވެ. ޔޫއޭއީގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 1500 ވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 10 ވުރެ އިތުރުވެފައެވެ.

ޔޫއޫއީގެ އެހެން ސިޓީތަކެކޭ އެއްގޮތަށް ދުބާއީގައިވެސް ވަނީ ޢާންމުންނަށް ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް މީގެ ކުރިންް ކާފިއުއެއް އިޢުލާނުކޮށްފައެވެ. ނަމަވެސް އެފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ކުރިއަށް އޮތް ދެހަފްތާގައި އެއްވެސް ވަގުތަކު ބޭރަށް ނުނިކުމެވޭގޮތަށް މިހާރުވަނީ ދުބާއީގެ ސުޕްރީމް ކޮމިޓީ އޮފް ކްރައިސިސް އެންޑް ދިޒާސްޓަރ މެނޭޖްމަންޓުން ނިންމާފައެވެ.

ޤަވާއިދާ ޚިލާފަށް ބޭރުގައި އުޅޭ މީހުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން މަޖުބޫރުވާ ޙާލަތެއްގައި ކޮންމެ ޢާއިލާއަކުންވެސް އެކަކު ނުކުތުމަށް ދުބާއީގެ ސަރުކާރުންވަނީ އިރުޝާދުދީފައެވެ. ނަމަވެސް އެމުއްދަތުގައި ފިހާރަތަކާއި ބޭސް ފިހާރަތަކާއި ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ޚިދުމަތް ދިނުމުގައި ހުރަހެއް ނޯންނާނެއެވެ.

ޑުބާއީގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ރޭލު ދަތުރުތައްވެސް މިހާރުވަނީ ހުއްޓާލާފައެވެ. އޭގެ ބަދަލުގައި ހިލޭ ބަސްދަތުރުކުރެވޭނެ ނިޡާމެއް އެސިޓީގައިވަނީ ޤާއިމުކޮށްފައެވެ. އަދި ޓެކްސީ ދަތުރުތަކުގެ އަގުތައްވެސް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ. ބޭރަށް ނުކުންނައިރު އެންމެންވެސް މާސްކު އެޅުމަށް ޞިއްޙާތާބެހޭ ވުޒާރާއިންވަނީ އިރުޝާދުދީފައެވެ. އަދި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް ވައިރަހަށް ތަޚުލީލުކުރެވޭ މިންވަރު އިތުރުކުރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާއަށެވެ. އެޤައުމުގައި މިހާތަނަށް 1100 އަށް ވުރެ ގިނަ މީހުންނަށްވަނީ ވައިރަހުގެ އަސަރުކޮށްފައެވެ. އަދި މަރުވި މީހުންގެ ޢަދަދުވަނީ 29 އިތުރުވެފައެވެ.

ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގެ 7 އަވަށެއްގައި މިހާރުވަނީ ކާފިއުގެ އިތުރުން ފުރަބަންދު އިއުލާންކޮށްފައެވެ. އެއަވަށްތަކުގައި ބާޒާރުކުރުމަށާއި ބޭސްފަރުވާގެ ބޭނުންތަކަށް ބޭރަށް ނުކުމެވޭނީ ހެނދުނު 6 އަކާއި މެންދުރުފަހު 3 އަކާއި ދޭތެރޭގައެވެ. ޖިއްދާގެ 7 އަވަށުގެ އިތުރުން ތެޔޮ ބޭރުކުރުމުގެ މައި ސިޓީކަމުގައިވާ ދައްމާމާއި އިތުރު އެހެން ސިޓީތަކުގައިވެސް އެފަދަ ފިޔަވަޅުތައްވަނީ އަޅާފައެވެ.