ޚަބަރު

މިރޭ ފުޅަނދު ބުރު ދަތުރުކުރާ ރޫޓަށް ބަދަލުގެނެސްފި


މިރޭ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ފުޅަނދު ބުރު ދަތުރު ކުރާ ރޫޓަށް ބަދަލު ގެނެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ. ކުރިން ފަރީދީ މަގުން ފުޅަނދު ބުރު ދަތުރު ކުރުމަށް ހަމަ ޖެހިފައި ވީނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު ފުޅަނދުބުރު ދަތުރުކުރާނީ މެދުޒިޔާރަތްމަގުންގޮސް އޯކިޑްމަގުން ކަމަށް ހޯމްމިނިސްޓަރުގެ ނައިބު މުހައްމަދު ސަލީމް ވިދާޅުވިއެވެ. ޕީއެސް.އެމްއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ސަލީމް ވިދާޅުވީ މި ބަދަލު ގެނައީ ފަރީދީމަގު ހަނިވުމުގެ ސަބަބުން ގިނަބަޔަކަށް ފުޅަނދު ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.އަދި ފުޅަނދުތައް މާލެ ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި މާލޭގައި ހުރި ފުޅަނދުތައް ތަރުތީބު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ. ވެހިކަލް ދުއްވާ ފަރާތްތަކުންވެސް ޤަވައިދާ އެއްގޮތަށް ޕާކްކުރުމަށް ސަލީމް އެދިލެއްވިއެވެ. ފުޅަނދު ބުރު ދުއްވުމަށް ހަމަޖެހިފައިވަނީ މިރޭ އަށެއް ޖަހާއިރުއެވެ.