ޚަބަރު

ކޯވިޑް19: ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމާ ގުޅޭގޮތުން ރައީސް އާއި ސްރީލަންކާގެ ބޮޑުވަޒީރު މަޝްވަރާކުރައްވައިފި


ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުން ކުއްލިއަކަށް އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ވަޞީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް 19 ޕެންޑެމިކާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަށް މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ދިމާވެފައިވާ މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ދެ ޤައުމުންވެސް އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާ އެކަންކަމަށް ތަޢުރީފު ކުރައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކޯވިޑް-19 ފެތުރެންފަށައިފިނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަޞީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ހަމަ އެއާއެކު، ކުއްލިއަށް ބަލިމީހުން އިތުރުވެދާނެ ޙާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކަށާއި، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން ދެޤައުމުން ވެސް އަޅާފައިވާ ދަތުރުފަތުރު ހުއްޓާލުމުގެ ހަރުދަނާ ފިޔަވަޅުތަކާއި، ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަމުންދާ ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާފައިވާކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ޤައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދެބޭފުޅުންވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޯވިޑް19 އާއި ގުޅިގެން ސްރީލަންކާއާއި ރާއްޖެއިންވެސްވަނީ ރައްކާތެރިވުމުގެ ގޮތުން ތަފާތު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.