ސިއްހަތު

ވިލިމާލެ ސިއްޙީ މަރުކަޒު އަންނަ މަހު ހޮސްޕިޓަލަކަށް ބަދަލުކުރަނީ


އަންނަ އޮގަސްޓް މަހުގެ ތެރޭގައި ވިލިމާލެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ. ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތައް ނިމިފައިވާ ކަމަށްވެސް އައި.ޖީ.އެމް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.  އައި.ޖީ.އެމް.އެޗުން މައުލޫމާތުދޭ ގޮތުގައި ވިލިމާލޭ ސިއްޙީ މަރުކަޒު ބަދަލުވެގެންދާނީ ތިން ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށެވެ. އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ، ބްރިގޭޑިޔަރ ޖެނެރަލް ރިޓަޔަޑް ފަރުހަތު ޝަހީރު ވިދާޅުވީ، ތިން ވަނަ ދަރަޖައިގެ ހޮސްޕިޓަލެއްގައި ފުރިހަމަ ވާންޖެހޭ ހުރިހާ ކަމެއް ވިލިމާލޭގައި ޤާއިމްވެގެންދާނެ ކަމަށެވެ. ހޮސްޕިޓަލަކަށް ބަދަލުވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ބޮޑުބައެއް ނިމިފައިވާއިރު، މިހާރު ނުނިމިހުރި މަސައްކަތަށް އަންނަ މަހުގެ ތެރޭގައި ނިންމުމަށްފަހު ރަސްމީކޮށް ހޮސްޕިޓަލެއްގެ ދަރަޖަ ދެވިގެންދާނެ ކަމަށް ފަރުހަތު ވިދާޅުވިއެވެ. ވިލިމާލޭ ސިއްޙީ މަރުކަޒުގެ ޑިރެކްޓަރ އަހުމަދު ޒާހިރު ވިދާޅުވީ އެކްސްރޭ މެޝިން ބެހެއްޓުމާއި، ލިފްޓް ބެހެއްޓުން ފިޔަވާ އެހެން ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. ޒާހިރު ވިދާޅުވީ ހޮސްޕިޓަލަކަށް ބަދަލުވެ އޮޕަރޭޝަން ކުރުމާއި، އެކްސްރޭ ފަދަ ޚިދުމަތްތައް ތަޢާރަފްވުމުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.ވިލިމާލޭގައި ޤާއިމްކުރާ ހޮސްޕިޓަލްގައި މައިނަރ އޮޕަރޭޝަންތަކާއި، މޭޖަރ ބައެއް ކަހަލަ އޮޕަރޭޝަންތައް ކުރެވިގެންދާނެ ކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން ބުނެއެވެ. ނަމަވެސް މޭޖަރ އޮޕަރޭޝަންތައް ކުރެވޭނީ އިމަރޖެންސީ ހާލަތްތަކުގައި ކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މީގެ އިތުރުން މާލޭގައި ލިބެންހުރި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތްތައް ހަފްތާއަކު ދެފަހަރު ވިލިމާލެއިން ލިބިގެންދާނެ ކަމަށްވެސް އައި.ޖީ.އެމް.އެޗުން ބުނެއެވެ. މީގެއިތުރުން ހޮސްޕިޓަލަކަށް ބަދަލުވުމަށްފަހު އެޑްމިޝަން ކުރާ މިންވަރަށް ބެލުމަށްފަހު، ބެޑް ކެޕޭސިޓީ އިތުރުކަން ޖެހޭ ނަމަ އެ މަސައްކަތްވެސް ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ވިލިމާލެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވާއިރު އިތުރު މުވައްޒަފުން ބޭނުންވާތީ އެމަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.މާލޭގެ ފަސްވަނަ އަވަށް ވިލިމާލޭގައި އަށްހާހެއްހާ މީހުން ދިރުއުޅެމުންދާ ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވިލިމާލޭގައި ސިއްހީ ޚިދުމަތްތައް އެހާ ރަނގަޅު ނުވުމުގެ ސަބަބުން ގިނަ ބަޔަކަށް ޖެހިފައިވަނީ މާލެ އައިސް ސިއްހީ ޚިދުމަތްތައް ހޯދުމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ވިލިމާލޭގެ ރައްޔިތުންނަށް ކޮށްދެއްވަން ނިންމަވާފައިވާ އެއް ކަމަކީ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމެވެ. އެއާއެކު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް މިދިޔަ އަހަރުން ފެށިގެން ދަނީ ކުރަމުންނެވެ.