ޚަބަރު

ލޮކްޑައުންއާ ގުޅިގެން އިންޑިއާގައިތިބި ދިވެހިންނަށް އާސަންދައިން 6 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ


ލޮކްޑައުންނާއި ގުޅިގެން އިންޑިއާގައިތިބި ދިވެހިންނަށް ބޭސްފަރުވާއާއި އެނޫންވެސް ކަންކަމަށް، 44000 ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ބޭރުޤައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދޭ އެހީތަކާއި ގުޅޭގޮތުން މަބްރޫކް ޢަޒީޒް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ ބޭރު ޤައުމުތަކުގައިތިބި ދިވެހިން އަނބުރައި ރާއްޖެ ގެނައުމަށްކަމަށެވެ.

ބޭސްފަރުވާއަށް އެތައް ދިވެހިންނެއް އަވައްޓެރި އިންޑިއާގައި މިވަގުތު އެބަތިބިކަމަށާއި، އިންޑިއާގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންއާ ގުޅިގެން މިވީ މުއްދަތުގައި އެޤައުމުގައިތިބި 155 މީހަކަށް އާސަންދަ މެދުވެރިކޮށް އެކިއެކި އެހީތައް ސަރުކާރުން ފޯރުކޮށްދީފައިވާކަމަށެވެ.

"އިންޑިއާ ލޮކްޑައުންނާއި ގުޅިގެން އަޅުގަނޑުމެންނަށް އެބަހުރި އެހީތަކެއްވެވިފައި. ޖުމްލަ 44000 ޑޮލަރުގެ އެހީ، އެކި ގޮތްގޮތަށް، އެބޭފޫޅުންނަށް ބޭނުންވާ އެކިކަލަ ބޭސްފަރުވާއަށާއި، ބޭސްފަރުވާއަށް ގޮސްތިބި މީހުންނަށް އެހެންކަންކަމަށް ބޭނުންވާ އެހީގެ ގޮތުގައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސްރީލަންކާއަށްގޮސްތިބި ދިވެހިންނަށްވެސް އެޤައުމުގައި ހުންނަ އެމްބަސީން ތަފާތު އެހީތައް ފޯރުކޮށްދެމުންދާކަމަށާއި، އެގޮތުން ލަންކާ ކާފިއުއާ ގުޅިގެން ޒަރޫރީ އެކިކަންކަމަށް 109 ކޭސްއަކަށް އެޓެންޑްކޮށްފައިވާކަމަށާއި ލޮޖިސްޓިކަލް ސަޕޯޓްގެ ގޮތުގައި އެމްބަސީގެ ފަރާތުން މީހުން އެއްތަނުން އަނެއްތަނަށް ގެންގޮސްދިނުން ފަދަކަންކަން ކުރަމުންދާކަމުގައި މަބްރޫކް ވިދާޅުވިއެވެ.

މީގެ ތެރޭގައި ހޮސްޕިޓަލަށް ގެންގޮސްދިނުމާއި ޑޮލަރު މާރުކުރުމާއި، ބޭސްހޯދައިދިނުން ފަދަ ކަންކަމުގައި އެހީތެރިވަމުންދާކަމުގައިވެސް މަބްރޫކް ވިދާޅުވެއްޖެއެވެ.

މީގެއިތުން ދިވެހިން ގިނައިން ދިރިއުލޭ އެހެން ޤައުމުތަކުގައިވެސް ޤާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކުން އެޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ޤާތުންބަލައި ވީވަރަކުން އެހީފޯރުކޮށްދެމުންދާކަމަށް އެންއީއޯސީން މައުލޫމާތުދެއްވިއެވެ.