ޚަބަރު

ކޯވިޑް-19 : ކަރަންޓީން ފެސިލިޓީތަކުގައި ތިބި 49 މީހަކު މާދަމާ ދޫކޮށްލަނީ


ކަރަންޓީން ފެސިލިޓީތަކުގައި ތިބި 49 މީހެއްގެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެކަމަށާ، ކޯވިޑް-19 ނެތްކަން ކަށަވަރުކުރުމަށް ހަދާ މިޓެސްޓް ނެގެޓިވް ވެއްޖެނަމަ އެމީހުން މާދަމާ ދޫކޮށްލާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ފެސިލިޓީތަކުގައި އެކި ޤައުމުތަކުން އައިސްތިބި 881 މީހުންގެ ތެރެއިން ބަޔަކު މާދަމާ ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރުޤައުމުތަކުން އަންނަ ހުރިހާ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކުރުމަށް އެޗްޕީއޭއިން ވަނީ ނިންމަވާފައެވެ. މާދަމާ ދޫކޮށްލާނީ 14 ދުވަސް ފުރިހަމަވުމާއެކު ޓެސްޓްކޮށް ބަލިނެތްކަން ކަށަވަރުވާ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މާދަމާ ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައިތިބި ބަޔަކު ދޫކޮށްލެވޭނެ. 49 މީހެއްގެ ޓެސްޓް މިހާރުވަނީ ހެދިފައި. އަދި އޭގެތެރެއިން ޓެސްޓްތައް ﷲގެ އިރާދަފުޅުން ނެގެޓިވްވެއްޖެނަމަ އެމީހުން ދޫކޮށްލާނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މާދަމާ ކަރަންޓީނުން ދޫކޮށްލާއިރު އެމީހުން ބަލައި އެކަކަށްވުރެ ގިނަމީހުން ނުދިއުމަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ވަރަށްބޮޑު އިލްތިމާސެއްކަމަށެވެ. މާދަމާ ދޫކޮށްލާ މީހުން ބަލައި ދާންޖެހޭތަނެއް އެޗްޕީއޭއިން އެމީހުންގެ ޢާއިލާތަކަށް އަންގާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އެކި ޤައުމުތަކުން ރާއްޖެއައުމުން ކަރަންޓީން ކުރެވުނު މީހުންގެތެރެއިން މިހާތަނަށް ވަނީ 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތުން އެނބުރި ރާއްޖެއައި ދިވެހިންނެވެ.