ޚަބަރު

މިނިވަން 50 ރަމްޒީ ނޯޓު ޑިއުޓީ ފްރީގައި ވިއްކަން ފަށައިފި


މިނިވަން ފަންސާހާ ދިމާކޮށް މޯލްޑިވްސް މަނިޓަކީ އޮތޯރިޓީ، އެމް.އެމް.އޭއިން ނެރުނު ރަމްޒީ ނޯޓު ޑިއުޓީ ފްރީގައި ވިއްކަން ފަށައިފިއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އެމް.އެމް.އޭގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ރަމްޒީ ނޯޓް ވިއްކަން ފަށާފައިވާކަމަށެވެ. 5000 ރުފިޔާގެ މި ރަމްޒީ ނޯޓު ވިއްކާ އަގަކީ 7500 ރުފިޔާކަމަށް އެމް.އެމް.އޭއިން މައުލޫމާތުދެއެވެ. މާދަމާގެ ވަގުތެއްގައި ރަސްމީގޮތުން ރަމްޒީ ނޯޓު ވިއްކުން ލޯންޗް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމް.އެމް.އޭއިން މައުލޫމާތުދެއެވެ. މިނިވަން 50އާ ދިމާކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ތައާރަފްކުރި ރަމްޒީ ނޯޓުތަކަކީ ވިޔަފާރި ކުރުމަށް ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. އެއީ ރަމްޒީ އެއްޗެއްގެ ގޮތުގައި ގޭތެރޭގައި ބެހެއްޓުން ފަދަ ކަންކަމަށް ޚާއްސަކޮށްފައިވާ ނޯޓްތަކެކެވެ. މިނިވަން ފަންސާހަށް ޚާއްސަކޮށް އެމް.އެމް.އޭއިން ރަމްޒީ ނޯޓެއް ޖުލައި 26 ވަނަދުވަހު ނެރެފައިވާއިރު، ގަނެވިއްކުމަށް ބޭނުންކުރާ ފައިސާގެ އާ ނޯޓްތަށް މިއަހަރުތެރޭގައި ނެރުމަށް ހަމަޖެހިފައިވާކަމަށް އެމް.އެމް.އޭއިން ބުނެއެވެ. އާ ނޯޓު ސެޓުގައި 5 ރުފިޔާގެ ނޯޓު ނުހިމެނޭކަމަށާއި، 1000 ރުފިޔާގެ އާ ނޯޓެއް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމް.އެމް.އޭ.އިންވަނީ ބުނެފައެވެ.