ތައިލެންޑުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެޤައުމުގެ ހުރިހާ ހިސާބެއްގައި ރައްޔިތުން ގެއިން ބޭރަށް ނުކުތުން މަނާކުރައްވާނެކަމަށް ބޮޑުވަޒީރު ޕްރަޔުތު ޗަންއޯޗާ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ތައިލެންޑުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެޤައުމަށް ފަތުރުވެރިން އައުން މަނާކުރުމާއި ރޭގަނޑު 10އަކުން ފަތިހު 4އަކަށް ބޭރަށް ނުކުތުން މަނާކުރުން ހިމެނެއެވެ. ކަނޑައެޅިފައިވާ ގަޑިތަކުގައި ބޭރަށް ނުކުތުމަށް ހުއްދަދެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނޭނީ ބަލިމީހުން އުފުލާ އުޅަނދުތައް ދުއްވާ މީހުންނާއި ޞިއްޙީ އެހީދިނުމުގެ މަސައްކަތްކުރާ ފަރާތްތައްކަމަށް ބޮޑުވަޒީރު ޗަންއޯޗާވަނީ ވިދާޅުވެފައެވެ. ފަރުދީ މިނިވަންކަމަށްވުރެ ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކުރުން މުހިންމުކަމަށާއި ދަތިތައް އިޙުސާސްކުރެވުނުނަމަވެސް އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ހުރިހާ ރައްޔިތުންނަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.
ހޮސްޕިޓަލުތަކަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެގޮތް ހަދަންޖެހޭކަމަށާއި ޞިއްޙީ އެހީދޭ ފަރާތްތަކަކީ ބައްޔާއި ހަނގުރާމަކުރުމުގެ އެންމެ ކުރީ ސަފުގައި ތިބޭ މީހުންކަން ޗަންއޯޗާ ފާހަގަކުރެއްވިއެވެ. ތައިލެންޑުން ބޭރުގައި ތިބި އެޤައުމުގެ ރައްޔިތުން ޤައުމަށް އެނބުރިއައުން އޭޕްރިލް 15ވަނަ ދުވަހާ ހަމައަށް ލަސްކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ޗައިނާގައި އެންމެ ފުރަތަމަ ފެތުރެން ފެށުނު ކޯވިޑް-19ވަނީ ތައިލެންޑުގެ 2،000އެއްހާ މީހުންނަށް ޖެހިފައެވެ. އެބަލީގައި އެޤައުމުން 19 މީހެއްވަނީ މަރުވެފައެވެ. ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ކޯވިޑް-19ގެ ސަބަބުން މީހެއް މަރުވެފައިވަނީ ތައިލެންޑުގައެވެ.