ޚަބަރު

އިސްރާފުކުރުމުން ދުރުހެލިވޭ، ބޭނުން ނުވާ މިންވަރުން ކާބޯތަކެތި ގަނެ ރައްކާކުރުމުން ދުރުހެލިވޭ - ހުކުރު ޚުޠުބާ


ކޯވިޑް ނަވާރައިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާގެ މިދަނޑިވަޅުގައި ކާބޯތަކެތިން އިސްރާފުކުރުމާއި ތިމާއަށް ބޭނުން ނުވާ މިންވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. ހުކުރު ޚުޠުބާގައިވަނީ މިދަނޑިވަޅުގައި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި މުސްލިމުން ދެމިތިބުމަށް ނަސޭޙަތްތެރިވެފައެވެ.

މިއަދުގެ ހުކުރު ޙުޠުބާގައިވަނީ މިދުވަސްވަރު ޢާއްމުވަމުން އަންނަ ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅާ ދިއުމަކީ ދީން ހުއްދަކުރާ ކަމެއް ނޫންކަންވެސް ޚުޠުބަގައިވަނީ ހަނދާންކޮށްދީފައެވެ.

މިދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި ތިބޭ ދުވަސްވަރަކަށްވުމުން މިދުވަސްވަރު ކެއިން ބުއިން ގިނަ ކުރުމުގެ ބަދަލުގައި މިފަދަ ތަދުމަޑުވަގުތުގައި ކެއިން ބުއިން މަދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޚުޠުބަގައިވަނީ ބާރުއަޅުއްވަފައެވެ. އަދި ކެއިންބުއިން ވަކި ހަމައެއްގައި ހިފެހެއްޓުމަށް ރަސޫލާދެއްވާފައިވާ އިރުޝާދުގައި ހިފުމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ. އަދި ކޮންމެ ކަމެއްގައިވެސް އިސްރާފުކުރުމަކީ ހައްދުފަހަނައެޅުންކަމުގައި ޙުޠުބަގައިވަނީ ބަޔާންކޮށްދެއްވާފައެވެ.

"މިފަދަ ކާރިޘާއެއްގެ ވަގުތުގައި މުޖުތަމަޢުގެ ޢާއްމު މަސްލަޙަތަށް އިސްކަންދީ ކެތްތެރިކަމާއި އެއްބައިވަންތަކަމާއި މުވާސާތާއި އީޘާރުގެ ސިފަތަކަށް އިސްކަންދޭންޖެހޭ. އަދި ހަމަ އެހެންމެ ކާބޯތަކެތިން އިސްރާފު ކުރުމާއި އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއްނެތި ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލުވާންޖެހޭ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

އަދި މިދަނޑިވަޅުގައި ގޭގައި ތިބޭއިރު އަނބިދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށްވެސް ޚުޠުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ. އަދި ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމަށާއި ﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެތި ގިނަގިނައިން އިސްތިޣުފާރުކުރުމަށް ވަނީ ހަނދާންކޮށްދެއްވާފައެވެ.

ކޯވިޑް-19ގެ ސަބަބުން މިދުވަސްވަރުމާލެ ސަރަޙައްދުގައި ހުކުރު ނަމާދު ނުކުރެއެވެ. މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ގޭގައި ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވަނީ އަންގަވާފައެވެ.