ދުނިޔެ

އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވެއްޖެ


އިންޑިއާގެ ކުރީގެ ރައީސް އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް އަވަހާރަވެއްޖެއެވެ. މަޝްހޫރު ރޮކެޓް ސައިންޓިސްޓް، ޢަބްދުލް ކަލާމްއަކީ އިންޑިޔާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، މުޅި އިންޑިޔާ ފަޚުރުވެރިވާ ދަރިއެކެވެ. އިންޑިޔާގެ 11 ވަނަ ރައީސް އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް އަވަހާރަވީއިރު އުރުމުފުޅަކީ 83 އަހަރުފުޅެވެ. ޢަބްދުލް ކަލާމް އަވަހާރަވެފައިވަނީ އިންޑިޔާގެ އިރު-އުތުރުގައިވާ ޝިލޯންގްގެ ޔުނިވަރސިޓީއެއްގައި ދަރިވަރުންނަށް ކިޔަވައިދެއްވަން ހުންނަވަނިކޮށް، ވެއްޓި ވަޑައިގަތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ ހިތުގެ އާލާސްކަންފުޅެއްގައެވެ. ތަޢުލީމް އުނގަންނައިދެއްވުން މިއީ މަޝްހޫރު ސައިންޓިސްޓެއްކަމަށްވާ އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް އެންމެ ހިތްޕުޅާވާ އެއް ކަންތަކެވެ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމް އުފަންވެ ވަޑައިގަތީ ނަވާރަ ސަތޭރަ އެއްތިރީސްވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަނަރަވަނަ ދުވަހުގައެވެ. ޓެމިލް ނާޑޫއަށް އުފަންވެ ވަޑައިގަތް ޢަބްދުލް ކަލާމްގެ ބާއްޕާފުޅަކީ ބޯޓު ދުއްވާ މީހެކެވެ. ޢަބްދުލް ކަލާމަކީ އޭނާ ތުއްޕުޅު އިރު، ޢާއިލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ނޫސް ބައްސަވަން އުޅުއްވިއެވެ. ޢަބްދުލް ކަލާމް ތަޢުލީމް ހާޞިލް ކުރައްވާފައިވަނީ މެޑްރާސް ޔުނިވަރިސިޓީއިން ފިޒިކްސްގެ ދާއިރާއިނެވެ. އެއަށްފަހު އެރޯސްޕޭސް އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރެއްވިއެވެ. އެންމެ ފުރަތަމަ އަދާކުރައްވަން ބޭނުންފުޅުވެ ވަޑައިގަތީ އިންޑިޔާގެ ވައިގެ ސިފައިންގެ ޕައިލެޓެއްގެ ވަޒީފާއެވެ. ދެހާސް ދެވަނަ އަހަރު އިންޑިޔާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުގެ ކުރިން ޢަބްދުލް ކަލާމްވަނީ އިންޑިޔާގެ ޑިފެންސް ރީސަރޗް އެންޑް ޑިވޮލޮޕްމެންޓް އޮގަނައިޒޭޝަން އަދި އިންޑިޔާގެ ސްޕޭސް ރީސަރޗް އޮގަނައިޒޭޝަންގައި އިސް ދައުރެއް އަދާކުރައްވާފައެވެ. "މިސައިލް މޭން"ގެ ނަމުން މަޝްހޫރުވެ ވަޑައިގެންފައިވާ ޢަބްދުލް ކަލާމްއަކީ އިންޑިޔާގެ ޖައްވީ ޕްރޮގްރާމް އަދި ދިފާޢީ މިސައިލް ތަރައްޤީކުރުމުގެ ޕްރޮގްރާމްގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ އަހަރު އިންޑިޔާން ކުރި ނިއުކްލިޔަރ ޓެސްޓުގެ މޭސްތިރިއަކީވެސް މަރުހޫމް ޢަބްދުލް ކަލާމެވެ.ޢާއްމު ފަރުދުންނަށް އިންޑިޔާ ސަރުކާރުން އަރުވާ އެންމެ މަތީ ދަރަޖަކަމަށްވާ 'ބާރަތް ރަތްނާ'ގެ ޝަރަފު އޭނާއަށްވަނީ ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު އަރުވާފައެވެ. މީގެ އިތުރުން، އޭނާއަކީ އިންޑިޔާގައި "ރައްޔިތުންގެ ރައީސް" ގެ ނަން ދެވިފައިވާ ރައީސެވެ. އޭނާއަކީ މަޝްހޫރު ލިޔުންތެރިއެއްވެސް މެއެވެ. އޭނާގެ ފޮތެއްކަމަށްވާ "އިންޑިޔާ ޓުވެންޓީ-ޓުވެންޓީ" ގައި ދެހާސް ވިހިވަނަ އަހަރުގެ ކުރިން އިންޑިޔާއަކީ ތަންދޮރު ދަތުމާއި މަޢުލޫމާތުގެ ދާއިރާއިން ދުނިޔޭގެ ބާރަކަށް ހެއްދެވުމަށް ޕްލޭނެއް ހާމަކުރައްވާފައިވެއެވެ. އަދި، މި ފޮތުގައި ދެހާސް ވިހިވަނަ އަހަރުގެ ކުރިން އިންޑިޔާއަކީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުމުގެ ވިސްނުންފުޅުވެސް ހިމަނުއްވާފައިވެއެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ޢަބްދުލް ކަލާމް ސިފަކުރެއްވީ އޭނާއަކީ އެހެން މީހުންނަށް ހިތްވަރުދެއްވާ، ނަމޫނާ ޝަޚުސެއްގެ ގޮތުގައެވެ.