ވިޔަފާރި

ކޯވިޑް-19 : ބޭރަށް ނިކުމެ އުޅުން މަނާ ވަގުތުތަކުގައި ފިއުލް ޝެޑްތައް ބަންދުވާނެ


މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:30 އިން ރޭގަނޑު 8:30އަށް އެފްއެސްއެމްއިން މާލެއާއި ހުޅުމާލޭގައި ޚިދުމަތްދޭ ފިއުލް ޝެޑްތައް ބަންދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ ކޯވިޑް -19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މާލޭގެ މަގުތަކުގައި ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުމާއި މީހުން އުޅުން މަނާކުރުމަށް އެޗްޕީއޭއިން ނިންމަވާފައިވާތީ އަޅާފައިވާ ފިޔަވަޅެއްކަމަށް އެފްއެސްއެމުން ބުނެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން މިހާރު ޢިއުލާންކުރައްވާފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއެކު ޢާއްމު ރައްޔިތުން ބޭރުގައި އުޅުން މަނާކޮށްފައިވަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައެވެ. އެގޮތުން މި ވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ އަންގަވާފައެވެ.

މަނާކޮށްފައިވާ ވަގުތުތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމާނާ ކުރާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.