ޚަބަރު

ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރަންޖެހޭ: ފިޝަރީޒް މިނިސްޓަރ


ކާނާގެ ޔަޤީންކަން އިތުރުމަށްޓަކާއި ރާއްޖޭގެ ދަނޑުވެރިކަން ފުޅާ ކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތަށް ގަނެ، ވިއްކުމަށް އެސްޓީއޯއާއި ގުޅިގެން ކުރާ މަސައްކަތްތަކާބެހޭ ގޮތުން މައުލޫމަތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ހައްސާސްކަން ބޮޑު މި ދަނޑިވަޅުގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތެރިން އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބޭރުން ކާބޯތަކެތި އިންޕޯޓް ކުރުމަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުން އިތުރުކުރުމަށްޓަކާއި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީއިން ދޭނެކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިންނަށް އެހީވުމަށް އިކޮނޮމިކް މިނިސްޓްރީ އާއިއެކުވެސް އެކި ކަންކަން ހަމަޖެއްސުމަށް މަޝްވަރާކުރަމުން ދާކަމަށެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި ގުދަންކޮށް، މާކެޓްކުރުމަށް އެސްޓީއޯއިން އެހީތެރިވާނެކަމަށެވެ.

"އުފެއްދުންތަށް ސްޓޯ ކުރެވޭނެ ގޮތް ހޯދުމަށް އެސްޓީއޯއާއިއެކު މިދަނީ މަސައްކަތް ކުރަމުން. ބައިވަރު ބާވަތްތަށް ހައްދަވަމުން މިހާރުވެސް ދަނޑުވެރިން ދަނީ. ރޯދަމަހަށް ހާއްސަކޮށްވެސް. ނަމަވެސް އުފެއްދުންތެރިކަން މިހާރަށްވުރެއްވެސް އިތުރު ކުރަންޖެހޭ. އިކޮނޮމިކް މިނިސްޓްރީއާއި އެކު މަޝްވަރާކުރަމުން މިދަނީ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ތަކެއް ހޯދުމަށް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ފިޝަަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަން ދޫކުރެވިފައިވާ ރަށްތަށް އުފެއްދުންތެރިކަން އިތުރު ކުރުމަށް އެރަށްތަށް ދޫކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުން ދާކަމަށެވެ. ބޭރުން ކާބޯތަކެތި އިންޕޯޓް ކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހިފައިވާ ކަމަށާއި ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް އުފެއްދުމަށް ހުރި ހުރަސްތަކުން އަރައިގަތުމަށް އެކިކަހަލަ ތަކެތި ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. ދަނޑުވެރިކަން ކުރުމަށް ފަންނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ދޭނެ ކަމުގައިވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ދަނޑުވެރިކަން ފުޅާ ކުރާއިރު އުފައްދާ ތަކެއްޗަކީ ރައްކާތެރި ތަކެއްޗަށް ހެދުން އެއީ މުހިންމުކަމެއްކަމަށެވެ. މިގޮތުން ޕެސްޓިސައިޑްސް ފަދަ ތަކެތި މަދުކުރުން ނުވަތަ ރައްކާތެރި ފެސްޓިސައިޑްތަށް ބޭނުންކުރުމަށް އިސްކަންދިނުން މުހިންމުކަމަށެވެ.