ޚަބަރު

އިންޑިޔާގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކެއް

އިންޑިޔާގައި ބޭރަށް ނުކުމެ އުޅުން 21 ދުވަހަށް މަނާކުރުމުގެ ސަބަބުން އެޤައުމުގެ ދަނޑުވެރިކަމުގެ ސިނާޢަަތަށް ނޭދެވޭ އަސަރުތަކެއް ކުރަންފަށައިފިއެވެ.

ދުނިޔެއިން ކާޑުގެ ބާވަތްތައް ދެވަނައަށް އެންމެ ގިނައިން އުފައްދާ އިންޑިޔާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާނުކޮށްފައިވާ ކާފިއުގެ ސަބަބުން ކުރިއަށްއޮތް ފިނި މޫސުމަށް ގޮވާންކޮށްފައިވާ ގޮދަނުގެ ބާވަތްތައް އެއްކުރުމަށް ދަތިތަކާކުރިމަތިލާންޖެހޭނެއެވެ.

އިންޑިޔާގައި އެންމެ ފުޅާކޮށް ދަނޑުވެރިކަންކުރާ ޕަންޖާބާއި ހަރިޔަނާއާއި އުއްތަރު ޕްރަދޭޝްގެ ދަނޑުތަކުގައި ގިނައިން މަސައްކަތްކުރަނީ އިރުމަތީ އިންޑިޔާގެ މަސައްކަތްތެރިންނެވެ. ނަމަވެސް ކާފިއު އިޢުލާނުކުރުމުން އެދަނޑުތަކުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންވަނީ އެމީހުންގެ އަމިއްލަ އަވަށްތަކަށް އެނބުރި ގޮސްފައެވެ. އެހެންކަމުން މެކޭނިކަލް ހާވެސްޓަރު ބޭނުންނުކުރާ ދަނޑުތަކުގައި ހައްދާފައިވާ ގޮދަން އެއްކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެއެވެ. އެފަދަ މެކޭނިކަލް ހާވެސްޓަރު ނެތް ދަނޑުތަކުގައި އޭޕްރިލް މަހުގެ މެދުތެރޭގައި ފައްކާވާ ބާވަތްތައް އެއްކުރެވޭނެ ގޮތެއް ނެތެވެ.

ދަނޑުތަކުގައި ހައްދާފައިވާ ކާބޯތަކެތީގެ ބާވަތްތައް އެއްކުރުން ލަސްވެއްޖެނަމަ އެއްކުރެވޭ ޢަދަދު މަދުވާނެއެވެ. އޭގެ ސަބަބުން ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް ދަށަށްދާނެއެވެ. އަދި ކުރިއަށްއޮތް މޫސުމަށް ދަނޑު ގޮވާންކުރުމުގައިވެސް ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ.

ނަމަވެސް އިންޑިޔާއަކީ ދުނިޔޭގެ ބާޒާރަށް ގޮދަން ބޭރުކުރާ ޤައުމަކަށް ނުވާތީވެ އޭގެ ސަބަބުން ދުނިޔޭގައި ގޮދަނުގެ ވިޔަފާރިއަށް މާބޮޑު ބަދަލެއް އަންނާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ފިޔަލާއި ހަނޑުލުގެ ބާވަތްތައް ބޭރުކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.