ޚަބަރު

ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، ވިއްކަން އެސްޓީއޯ އެގްރި ސެންޓަރު 1 މޭގައި ހުޅުވަނީ


ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީޓޯއިން އުފައްދާ އެގްރި ސެންޓަރ އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އެކުންފުނިން ނިންމައިފިއެވެ.

މިކަން އެސްޓީއޯއިން އިއުލާންކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިއަދުން ފެށިގެން ދަނޑުވެރިންނަށް އެސްޓީއޯގެ އެގްރި ސެންޓަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް އެދޭ ފޯމް އެސްޓީއޯގެ ވެބްސައިޓުންނާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ބޭސްފިހާރަތަކާއި އެސްޓީއޯގެ ފިހާރަތަކުންވެސް ލިބޭނެކަމަށެވެ. އަދި މިފޯމް ފުރުމަށްފަހު މިތަންތަނަށް ފޯމް ހުށަހެޅޭނެކަމަށާއި، ފޯމުގެ ފޮޓޯއެއް ވައިބަރ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށްވެސް އެސްޓީއޯއަށް ހުށަހެޅޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ހަމައެކަނި އިންޕޯޓު މުދަލަށް ބަރޯސާވެގެން ނުވާނެކަމަށާއި ދަނޑުވެރިކަމުގެ ދާއިރާގައި މިހާރު އުފައްދާ ތަކެއްޗަށްވުރެ ގިނަ ބާވަތްތައް އެކި ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދޭނެކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ތަފާތު ބާވަތުގެ ތަކެތި ދަނޑުވެރިން އުފައްދަން ޖެހޭކަމަށާއި، އެސްޓީއޯ އެގްރިކަލްޗަރ ސެންޓަރެއ ހުޅުވުމުގެ ބޭނުމަކީ މިގޮތުން އުފައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ވިއްކާ ދަނޑުވެރިންނަށް އާމްދަނީ ލިބޭނެ ގޮތް ހެދުންކަމަށް އަމްރު ވިދާޅުވިއެވެ.

"އެސްޓީއޯ އެގްރިސެންޓަރ އުފައްދަން މިހާރު ދަނީ މަސައްކަތް ކުރަމުން. ނޯތު ހާބަރ ކުރިމަތީ މިސެންޓަރުގެ ޤާއިމް ކުރާނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ދަނޑުވެރިކަމުގެ އުފެއްދުންތައް މިސެންޓަރު މެދުވެރިކޮށް ގަނެ، ފައިސާ ދަނޑުވެރިންނަށް އޮންލައިންކޮށް ވަގުތުން ލިބޭނެ ގޮތް ހަދައިދޭނަން." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ގަންނަ ތަކެތި، އެސްޓީއޯއިން ގަންނަނީ ވިޔަފާރި ކުރާކަށް ނޫންކަމަށާއި މިސެންޓަރުން ދަނޑުވެރިންގެ އުފެއްދުންތައ ހޯލްސޭލް ކުރާނެކަމަށެވެ. އަދި މިސެންޓަރުން ދަނޑުވެރިންގެ ތަކެތި ގަންނަ އަގުތަކާއި އެހެނިހެން ކަންކަން ވަރަށް އަވަހަށް ފައިނަލް ކުރާނެކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އެގްރިކަލްޗަރު ސެންޓަރު މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިކަމަށް އެދި ރަޖިސްޓްރީކުރުމުން އެފަރާތްތަކަށް އައިޑީއެއް ދޭނެކަމަށް އެސްޓީއޯގެ ސީނިއަރ މެނޭޖަރ، ބިޒްނަސް، މުހައްމަދު އިހުސާން ވިދާޅުވިއެވެ. އެހެންކަމުން ދޯނި ފަހަރުގައި ތަކެތި އެސެންޓަރަށް ފޮނުވާއިރު، މިއައިޑީ ނަންބަރާއި، ފޮނުވާ ތަކެއްޗާއި އެހެން ތަފްސީލްވެސް ދޭން ޖެހޭނެއެވެ. އަދި މިގޮތުށް ފޮނުވާ ތަކެއްޗަށް ދަނޑުވެރިންނަށް ދެ ދުވަހެއްގެ ތެރޭގައި ފައިސާ ދޭނެކަމަށްވެސް އިހްސާންވިދާޅުވިއެވެ.