ޚަބަރު

އަންނަ ހަފްތާގައި 3 ދުވަހު ބޭންކުގެ ޚިދުމަތް ލިބޭނެ


އަންނަ ހަފުތާގައިވެސް ތިން ދުވަހު ބޭންކްތަކުގެ ޙިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުވެސް ބޭންކް ހުޅުވާފައި ހުންނާނެކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:30 އަށް ބޭންކުތަކުން ޚިދުމަތް ދެމުން އަންނާނެކަމަށެވެ. މީގެއިތުރުން ވަކި ލާރި ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްވެސް އެދުވަސްތަކުގައި ދެމުން އަންނާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން އަންނަ ހަފްތާގައިވެސް އޮފީސްތަކާއި ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މިއާއި އެކު މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 05:00 އިން ރޭގަނޑު 08:00 އަށް މަގުތަކަށް މީހުން ނުކުތުން މަނާކޮށްފައެވެ. އަދި އެއްގަމު އުޅަނދުތަކުގެ އިތުރުން ފެރީތަކާއި ބަހުގެ ހިދުމަތް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މިއަދު މެންދުރު 12:00 ފެށިގެން ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްކޮށް އުޅުންވެސް ވަނީ މަނާކޮށްފައެވެ.