ކޯވިޑް-19އާ ގުޅިގެން ޤައުމުގެ ޙާލަތު ބަދަލުވެގެން ދާގޮތުގެ މަޢުލޫމާތު ދިވެހިރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި އެންމެ ފާހަގަކޮށްލެވޭ މޫނަކީ މުޙައްމަދު މަބްރޫކް ޢަޒީޒެވެ. އޭނާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކެރެޓަރީއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތު ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ހާމަކުރުމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެގޮތުގައި އޭނާ ކަނޑައެޅުމާއެކު ގިނަބައެއްގެ ސަމާލުކަން ވަނީ އޭނާއަށް ހުއްޓިފައެވެ. ސިޔާސީ މަޤާމެއްގައި ހުންނެވި ސިޔާސީ ބޭފުޅަކަށްވިޔަސް އޭނާގެ ފަރާތުން ފެންނަނީ ޤައުމީވަންތަކަމެވެ. ސިޔާސީ ވިސްނުމުން އެއްކިބާވެ ޤައުމިއްޔަތު ކުރިއަށް ނެރެން އެތައް ފަހަރަކު ޢާއްމު ރައްޔިތުންނާއި ނޫސްވެރިންނަށް އިލްތިމާސްކުރިއެވެ.
ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިހެން މިވާހަކަ ތަކުރާރުކުރައްވައެވެ. ބައެއް ނޫސްތަކުން ސަރުކާރަށް ފާޑުކިޔާ މޭރުމުން ސުވާލުކުރެއެވެ. ކަނޑައެޅިގެން ހަޤީޤަތް އޮޅޭ ސްޓޭޓްމަންޓްތައް ނުވަތަ ބަޔާންތައް ދީފައި ސުވާލުކުރާ ނޫސްވެރިން ފެނެއެވެ. ސަރުކާރަށް ޕްރެޝަރުކުރުމުގެ ގޮތުން ރައްދުދީ ޖަދަލުކޮށް ސުވާލުކުރާ ނޫސްވެރިންވެސް އުޅެއެވެ. މިފަދަ ޙާލަތްތަކުގައި ނޫސްވެރިންނަށް ސަރުކާރުގެ ބައެއް ބޭފުޅުންގެ ފަރާތުން ރުންކުރުކަމާއި ނުރުހުމާއި، ހިތްހަމަނުޖެހުން ފާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން ނޫސްވެރިޔާ ބޭނުންވާގޮތަށް ސަރުކާރަށް ނެގެޓިވް ސުރުޚީތައް އުފައްދަން ޖާގަ ލިބެއެވެ.
އެހެންނަމަވެސް މަބްރޫކުގެ ކިބައިން މިދެންނެވިފަދަ ރުންކުރުވުމެއް، ރުޅިއައުމެއް ނުތަނަވަސްކަމެއް ނުފެނެއެވެ. ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުންނަށް ފޮރުވަންޖެހޭ ކަމެއް ނެތްކަމަށާ، ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާ ގުޅިގެން ކަމެއް ސިއްރުކޮށް އޮޅުވާލަން ޖެހޭ ދުވަހަކީ މަޤާމުން ދުރައް ވަޑައިގަންނަވާނެ ދުވަސްކަމުގައެވެ.
މަބްރޫކުގެ މިފަހަރުގެ އިލްތިމާސް މިހުރިހާ ކަމަކަށްވުރެ މާ މުހިންމެވެ. މިޤައުމަށްޓަކައި ޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކުވެސް ކުރާނީ ހަމަ މިއިލްތިމާސެވެ.
"ކުލީގެ ވާހަކަ އެބަދެއްކޭ. ވަޒީފާއިން މީހުން ކަނޑާލާވާހަކަ އެބަދެއްކޭ. އެކި ދަތި ޙާލު ދިމާވާ ވާހަކަ. އަޅުގަނޑުމެންގެ އިލްތިމާސެއް އެބައޮތް. މިވަގުތު އަޅުގަނޑުމެން އެންމެން، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން. އޭގެ މާނައަކީ ކުލި ނަގާފަރާތުން ކުލި ކުޑަކޮށްދޭންވީ ވަގުތު މިވަގުތަކީ. މީ ވަޒީފާތައް، އެމްޕްލޮޔަރުން، އެބޭފުޅުންގެ ކުންފުނިތަކުގެ ވަޒީފާތައް، ހިފެހެއްޓުނުވަރަކަށް ހިފަހައްޓައިދޭންވީ ވަގުތު. މިވަގުތަކީ އެއްވެސްމީހަކު އެމީހެއްގެ އަމިއްލަ ފައިދާއަށް އެކަނި މަސައްކަތްކޮށްގެން އަޅުގަނޑުމެންނަށް ޤައުމެއްގެގޮތުގައި ކުރިއަށްދެވޭނެ ވަގުތެއް ނޫން. އެހެންވީމާ އަޅުގަނޑުމެން މިތިބީ ސަރުކާރެއްގެގޮތުގައި މިކަމަށް ސަޕޯޓުދޭން ދެވުނުވަރަކަށް. އަދި މިކަމާގުޅިގެން ހަމަ އަޅުގަނޑުމެންގެ އުންމީދަކީ ދިވެހިން އެއްބައެއްކަން ދަނެގެން، މިވަގުތު އަމިއްލަ ފައިދާއަށް ނުވިސްނައި ހަމަ ތިޔަ ބޭފުޅުންނަށްވެސް ވެދެވެންހުރި އެހީތައް، އާދެ! ކުރެވެންހުރި ކަންތައްތައް، (ކުރުން). އޭގެމާނައަކީ އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅުންވެސް އާގޮތްގޮތް އީޖާދުކުރައްވައި، ގޭގައި ތިބެގެންވެސް އެބޭފުޅުންގެ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ،(މަގު ފަހިކޮށްދިނުން). އަދިހަމަ ގޮތްތައް ވީއެންމެ ގިނައެއްކޮށް ދިވެހި މުވައްޒަފުންގެ ވަޒީފާތައް ހިފަހައްޓައި ދެވޭނެ ( އިންތިޒާމެއް ހަމަޖެއްސުން). އެކަންކަން ކުރައްވާ ބޭފުޅުންނާއެކީގައި މިސަރުކާރު އޮންނާނެކަމުގެ ޔަޤީންކަން އަރުވަން." މަބްރޫކް ވިދާޅުވިއެވެ.
މިއީ މަބްރޫކުގެ އިލްތިމާސެވެ. ސަރުކާރުގެ ސިޔާސަތެވެ. މިއީ ދިވެހި ކޮންމެ ފަރުދެއްގެ ވިސްނުމަށް ވާން އެބަޖެހެއެވެ. މިވަގުތު އަޅުގަނޑުމެންނަށް މި ލޮބުވެތި ޤައުމަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް އެއީ އެންމެ އިސްކަމަކަށް ހަދަން އެބަޖެހެއެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އަންނަ ހަފުތާގައި ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެއެވެ. މިޕެކޭޖުގެ ތެރެއިންވަނީ، މިހާރު މިއޮތް ޙާލަތުގައި ވަޒީފާ ގެއްލޭ މީހުންނަށް ޙާއްސަ އެލަވަންސެއް ދިނުމަށް ނިންމާފައެވެ.
ޖުމުލަ 292 މީހަކު ވަނީ ވަޒީފާ ގެއްލިގެން، އިކޮނޮމިކް މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައެވެ. އަމިއްލަ ވިޔަފާރިތަކުން އެޅި އެކިއެކި ފިޔަވަޅުތަކާއި ތަންތަން ބަންދުކުރުމާއެކު އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ގިނަބަޔަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާވެސް ޚިލާފަށްކަމަށް މަޢުލޫމާތުލިބެއެވެ. މުވައްޒަފުންނަށް ނިކަމެތިކަމެއް ލިބޭ އެއްވެސްކަމެއް ނުކުރުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސްކުރައްވައެވެ.
ސަރުކާރުގެ ޒިންމާގެ ދަށުގައިތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލެއެވެ. އަދި މުސާރަވެސް އުންޏެއް ނުވެއެވެ. މުވައްޒަފުންނަށް އިތުރު އިނާޔަތްތަކުގެ ގޮތުގައި ބައެއް ލުއިތައްވެސް ސަރުކާރުންދަނީ ދެއްވަމުންނެވެ. މިއާއެކު އަމިއްލަ ފަރާތްތަކާ މުޅިރައްޔިތުންވެސް ވީވަރަކުން އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް ސަރުކާރުން އިލްތިމާސްކުރައްވައެވެ.
ސަރުކާރުން ހުށަހަޅާ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އަމިއްލަ ފަރާތްތަކަށް ލޯނުތައް ދޫކުރުމުގެ އެންމެ ބޮޑު ޝަރުތަކަށް ކަނޑައަޅާފައިވަނީ ވަޒީފާއިން މީހުން ވަކިނުކުރުމެވެ. މިޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހިންގެ ވަޒީފާތައް ދެމެހެއްޓުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިޤްތިޞާދީ ބޭފުޅުން ވިދާޅުވާގޮތުގައި މުވައްޒަފުން ވަކިކުރިއަސް މިޙާލަތުގައި ވިޔަފާރިތައް ޙިމާޔަތްކުރެވޭނެ ގޮތެއް ނެތެވެ. ގިނަބައެއްގެ ވަޒީފާ ގެއްލިއްޖެނަމަ މުޅިޤައުމުގެ އިޤްތިޞާދަށް ކުރާނެ ނުރަނގަޅު އަސަރު މާބޮޑެވެ. އޭގެސަބަބުން ވިޔަފާރިތަކަށް މިޙާލަތުގައި އަދި މާބޮޑު ހީނަރުކަމެއް އަންނާނެއެވެ. މިއީ އެކަކު އަނެކަކަށް އެހީވެ ޚަރަދުތައް ކުޑަކުރަންވީ ވަގުތެވެ. އެންމެން ގުޅިގެން ޤައުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތެވެ.
އަޅުގަނޑުމެން އެންމެން މަބުރޫކުގެ އިލްތިމާސަށް އިޖާބަދީފިނަމަ ޤައުމަށް ފައިދާކުރާނެއެވެ.