ކުޅިވަރު

އައިއޯއައިޖީގައި އެތްލެޓިކްސް ޓީމް ރަން މެޑަލްގެ ޔަޤީންކަން


އެތްލެޓިކްސް ޓީމަށް ރަން މެޑަލް ހޯދިދާނެކަން އެޓީމް މިހާރު ސާބިތުކޮށްދީފިކަމަށް
މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޠޮލާލް ވިދާޅުވެއްޖެއެވެ. ޖޮހޯރުގައި ބޭއްވި ޖޮހޯރު އޯޕަން އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ
އެތްލެޓިކްސް ޓީމް ވަނީ އަށް ރަން މެޑަލްއާއި ދެ ރިހި މެޑަލް އަދި ހަތަރު ލޯ
މެޑަލް ހޯދާފައެވެ. ތޮލާލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުނަށް އެތްލެޓިކްސް ޓީމްގެ
ފެންވަރު މިހާރު ވަރަށް ރަނގަޅަށް އެނގިގެންދާނެކަމަށެވެ. 

ޖޮހޯރު އޯޕަން ޗެމްޕިއަންޝިޕްގައި
ރާއްޖޭގެ ޓީމުން ނެރުނު ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށާ ހާއްސަކޮށް
އެެތްލީޓުން، އެކުރަމުންދާ މަސައްކަތްތައް އެ އެތްލީޓުން ވަރަށް ރަނގަޅަށް ދައްކުވައިދީފިކަމަށް
ޠޮލާލް ވިދާޅުވިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެށެން މިހާ
ކުޑަތަންވެފައިވަނިކޮށް މިފަދަ ކާމިޔާބީއެއް އެތްލެޓިކްސް ޓީމް ހޯދުމުން
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތްލެޓިކްސްއިން ރަން މެޑަލް ގެންނާނެކަމަށް
ކުރަމުން އައި އުއްމީދު ކުރިއަށް ވުރެ ބޮޑުވެފައިވާކަމަށް މޯލްޑިވްސް އެތްލެޓިކްސް
އެސޯސިއޭޝަންގެ ރަޢީސް މުހައްމަދު ތޮލާލް ވިދާޅުވިއެވެ.





" ޖޮހޯރު މުބާރާތުގައި އަޅުގަނޑުމެން ބައިވެރިވުމުގެ އެންމެ ބޮޑު
މަޤްސަދަކީ އެތްލީޓުންނަށް އިތުރު ހިތްވަރެއްދީ މުބާރާތުގެ ފީލް ކުޅުންތެރިންނަށް
ގެނެސްދިނުން. އެހެން ވީމަ މިމުބާރާތުގެ ސަބަބުން އެތްލީޓުންނަށް ވަރަށް ބޮޑު ހިތްވަރެއް
ލިބިގެން އެދިޔައީ. އަޅުގަނޑުމެން އަބަދުވެސް ވާހަކަދައްކަމުން މިދަނީ ގޯލްޑް
މެޑަލް ހޯދުން ނޫނީ މެޑަލް ހޯދަން. އަޅުގަނޑުމެން އެންމެންވެސް އުއްމީދު މިކުރަނީ
ގޯލް މެޑަލްއެއް ހޯދަން އިނގޭތޯ. މިމުބާރާތުގައި ވާދަކުރާ އެތްލީޓުންނަކީވެސް ދާދި
ހަމަހަމަ އެތްލީޓުން، އެހެންކަމުން މިއެތްލީޓުންނާއެއްކޮށް ވާދަކުރާއިރު ކުޑަކުޑަ
ތަފާތަކުންވެސް ނަތީޖާ ބަދަލު ވެގެންދިއުމަކީވެސް އެކަށީގެންވާކަމެއް.
އަޅުގަނޑުމެންނަކަށް ހަޤީގަތުގައި ހުރިހާ ޤައުމެއްގެ އެތްލީޓުންގެ ފެންވަރެއް
އަސްލު ނޭންގޭ. ޝީސެލްސްގެ އެތްލީޓުންގެ އަސްލު ފެންވަރެއް ހަމަ ނޭންގޭ. އެހެން
ނަމަވެސް އަޅުގަނޑުމެން އުއްމީދު މިކުރަނީ އެ އެތްލީޓުންނަށް ވުރެ އަޅުގަނޑުމެންގެ
އެތްލީޓުން ރަނގަޅުވާނެކަމަށް. އެހެންކަމަށްވާނަމަ އަޅުގަނޑުމެންނަށް 3 ނުވަތަ 5 ގޯލްޑް
މެޑަލް ހޯދޭނެ." ޠޮލާލް ވިދާޅުވިއެވެ.



ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި ޖޮހޯރު އޯޕަން އެތްލެޓިކްސް
ޗެންޕިއަންޝިޕްގައި ރަން މެޑަލް ހޯދި ހަސަން ސާޢިދު ބުނީ މިކާމިޔާބީއަކީ ހުރިހާ
ކުދިން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށް. ސާއިދު ބުނީ ޖޮހޯރު
މުބާރާތަށް ވުރެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އުނދަގޫވާނެކަމަށެވެ.



" މެލެޝިޔާގެ އެންމެ ފަހުގެ ތަމްރީން ނިންމާލާފަ ދެން ޖޮހޯރުގަ
މިމުބާރާތް ކުރިއަށް މިދިޔައީ. ނަތީޖާއާ ދޭތެރޭގައި ހިތްހަމަޖެހޭ ބޮޑެތި
ކުރިއެރުންތަކެއްވެސް ލިބިއްޖެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ
އަސްލުގައި ވަރަށް ވަރުގަދަ ގޭމްސްއެއް،. ހަޤީގަތުގައި ކުދިކުދި ޤައުމުތަކޭ ބުނާއިރު ހީވަނީ ވަރަށް
އާދައިގެ އެތްލީޓުންނޭ، އެހެއްނެއްނޫން. ވާދަކުރާ ޤައުމުތަކުގެ އެތްލީޓުން ބޮޑެެތި
ޤައުމްތަކުގައި މިޓްރެއިނިންގ ހަދަނީ. އަޅުގަނޑާއެކު ޖެމެއިކާގައި ދެ އަހަރުދުވަހު
ޓްރެއިނިންގ ހެދި އެތްލީޓުންވެސް އެބައުޅޭ. އެމެރިކާގައި ޓްރެއިނިންގ ހެދި
އެތްލީޓުންސް އެބައުޅޭ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ސާފް ގޭމްސްއަށް ވުރެ
ވަރުގަދަވެގެންދާނެ. ދެން ފަސޭހަ މުބާރާތަކަށް ނުވާނެ. އެކަމަކުވެސް އެއްވަރެއްގެ
އެތްލީޓުންތަކެއް މިއުޅެނީ ޓައިމިންއަށް ބަލާއިރު ޝީޝެލް 10:05 ރީޔޫނިއަން 10:05
ރާއްޖެ 10:05 މޮރިޝިއަސް 10:05 އެންމެންވެސް އެއް ލެވެލްއެއް. ދެން 10 ސިކުންތުގެ
ރޭހެއްގެ ވާހަކަ މިދައްކަނީ، ކޮންމެގޮތެއްވެސް ވެދާނެ. ކޮންމެ ގޮތަކަށްވެސް
ނިމިގެން ގޮސްފާނެ، އުއްމީދުކުރަނީ ހަމަ ރަނގަޅުވާނެކަމަށް" ސާއިދު ބުންޏެވެ.



މިޓީމްގައި ހިމެނޭ އާދިލް ރަޝީދު ބުނީ ޖޮހޯރު މުބާރާތަށް ދިޔައިރުވެސް ކާމިޔާބީ
ލިބޭނެކަމަށް ވަރަށް ބޮޑު އުއްމީދެއް އޮތްކަމަށާއި ޚާއްސަކޮށް މުބާރާތުގެ ރިލޭތައް
ކުރިއަށްދާން ފެށުމުން އިތުރަށް އެކަން ޔަގީންވެގެންދިޔަކަމަށެވެ.





" ޓީމަށް ބަލާއިރުވެސް އިންޑިވިޖުއަލްއަށް ބަލާއިރުވެސް މިއީ ވަރަށް ބޮޑު
ހިތްހަމަޖެހުމެއް. އިދާރަކުރެއްވިއްޔާ މިކާމިޔާބު ދެމެހެއްޓޭތޯ މަސައްކަތް
ކުރާނަން. އުއްމީދުކުރިން އަބަދުވެސް މިފަހަރު މިކާމިޔާބު ހޯދަން. އުއްމީދާއެކީ
ގޮސްފަ މިފަހަރު މިކާމިޔާބު މިލިބުނީ. އަދި އައިއޯއައިޖީއަށްވެސް ދާނީ މިގޮތަށް
އުއްމީދުކޮށް، ރަނގަޅު ކާމިޔާބީއެއް ހޯދާ ގޯލް މެޑަލްއެއް ހޯދަން" އާދިލް
ރަޝީދު ބުންޏެވެ. 



  މިއަންނަ މަހުގެ އެކެއްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި
ވާދަކުރާ ރާއްޖޭގެ ޤައުމީ އެތްލެޓިކްސް ޓީމްގެ އަމާޒަކީ ތިނެއް ނުވަރަ ފަސް ރަން
މެޑަލް ހޯދުމެވެ.